މާލެ ސިޓީގައި ދިރިއުޅޭ މީހުން ހަފްތާ ބަންދުގައި އާއިލާއާ އެކު ދަތުރު ދިއުމަށް ހަމަޖައްސާފައިވާ އެނބޫދޫފަޅު ތަރައްގީ ކުރަން ބޭނުންވާ ކޮންސެޕްޓް ޑްރޯވިންގ މިހާރު ވަނީ ނިމިފައި ކަމަށް ޕްލޭނިންގ މިނިސްޓްރީގެ ރީޖަނަލް ޑިވެލޮޕްމެންޓްގެ ޑިރެކްޓަރ ފާތިމަތު ޝާހީން ވިދާޅުވެއްޖެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ޝާހީން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެ ތަނުގެ ބޭނުން ހިފޭނެ މިންވަރަށް ހުރިހާ ކަމެއް ފުރިހަމަކޮށް ޕިކްނިކް އައިލެންޑްގައި ގިނަ ހިދުމަތްތަކެއް ހިމެނުން ކަމަށެވެ.
ޕިކްނިކް އައިލެންޑް ތަރައްގީކޮށް ނިމޭއިރު، ދަތުރުގޮސް އުޅޭއިރު ބޭނުންވާނެ ހުރިހާ ހިދުމަތެއް އެރަށުން ލިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި އަންހެނުންނަށާއި ފިރިހެނުންނަށް ބޭނުންކުރެވޭ ގޮތަށް ފާހާނާ އާއި ޗޭންޖިންގ ރޫމެއް އެތަނުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ޝާހީން ވިދާޅުވީ ނަރސިންގ ރޫމަކާއި ކްލިނިކެއް ވެސް އެ ރަށުގައި ބިނާކުރާނެ ކަމަށެވެ.
ޝާހީން ވިދާޅުވެފައި ވަނީ، ކުޑަކުދިންނަށް ކުޅެވޭނެ ފަދަ އިންތިޒާމެއްގެ ގޮތުން ކިޑްސް ޕްލޭ އޭރިއޭއެއް ކޮންސެޕްޓްގައި ހިމަނާފައިވާ ކަމަށެވެ. އަދި ފެމިލީ ރޫމްތަކާއި ބާބަކިއު ހަޓެއްގެ އިތުރުން ޑޭ ހަޓެއް އަދި ބީޗް ހަޓަކާއި ލައިފްގާޑް ހަޓެއް ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދަތުރުގޮސް އުޅޭއިރު ތަފާތު ކުޅިވަރުތައް ކުޅެ މަޖާ ކޮށްލެވޭނެ އިންތިޒާމު ޕިކްނިކް އައިލެންޑް ލިބޭނެ ކަމަށް މައުލޫމާތު ދެއްވަމުން ޝާހީން ވިދާޅުވީ ބީޗުގައި ފުޓްބޯޅަ އާއީ ވޮލީ ދަނޑެއްގެ އިތުރުން، ބީޗުގައި ކުޅޭ ކުޅިވަރުތަކަށް ހާއްސަ އޭރިއާ އެއްވެސް އެ ރަށުގައި ހިމެނޭނެ ކަމަށެވެ.
މީގެ އިތުރުން ޕިކްނިކް އައިލެންޑުގައި މަސައްކަތް ކުރުމަށް ދާ ސްޓާފުންނަށް ހާއްސަކޮށް ސްޓާފް އެކޮމޮޑޭޝަންތައް ވެސް ހަމަޖެހިގެންދާނެ ކަމަށާއި، އެގޮތުން އެޑްމިން އޮފީހަކާއި ސްޓާފުންނަށް ހާއްސަކޮށް އިތުރު އިނާޔަތްތައް ވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެނބޫދޫފަޅު އަންނަ އަހަރު ހުޅުވި ދަތުރު ދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވަނީ އެޕްރީލް މަހު ވިދާޅުވެފައެވެ.
އެނބޫދޫ ފަޅަކީ މާލެއިން ފުރައިގެން 15 މިނެޓުން ދެވޭ ތަނެކެވެ. އެނބޫދޫފަޅުގެ ހުޅަނގުން ހިއްކާފައިވާ އެ ސަރަހައްދުގެ ބޮޑު މިނަކީ 3.3 ހެކްޓަރެވެ. އެ ތަނުގައި ދަނީ ރިސޯޓްތަކެއް ތަރައްގީކުރަމުންނެވެ.
މާލޭގެ ރައްޔިތުންނަށް ހަފްތާ ބަންދުގައި އާއިލާއާ އެކު ދަތުރު ދިއުމަށް މާލެއާ ގާތުން ރަށެއް ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭހިމެނޭ ވައުދެކެވެ.