ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ބަޔަކު ކޯޓަށް ވެއްދުމާ އެކު ދޫކޮށްލުމަކީ ކުޑަ ވާހަކައެއް ނޫނެވެ. އަދި އެއީ އަޅާނުލާ ދޫކޮށްލެވޭނެ ވާހަކައެއް ވެސް ނޫނެވެ. ނަމަވެސް ރާއްޖޭގެ ޝަރުއީ ނިޒާމް އޮތް ނުރައްކާތެރި ހާލަތު ބުނެދިން ކަމަކީ އެއީ މާ ބޮޑު މައްސަލައެއް ނޫން ކަމަށެވެ. ސަރުކާރާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންގަނޑުގެ ތެރޭގައި އެއީ ކޯޓުތަކުގައި ތިއްބެވި ފަނޑޔާރުންނަށް މާބޮޑު މައްސަލައަކަށް ވާހެނެއް ހިޔެއް ނުވެ އެވެ. ފުލުހުންގެ ކޮންމެވެސް އިހުމާލެއް ދައްކާ، ވައްދާ ދޮރުން އެ މީހުން ދޫކޮށްލައެވެ.
ތެދެކެވެ. ފުލުހުންނަށް ވެސް މައްސަލާގައި ގޯސްތަކެއް ހެދިފައި އެބަހުރި އެވެ. ކޯޓުތަކުން ވެސް ވަނީ ގޯސްތައް ހަދާފަ އެވެ. މައްސަލަ ފެށީ ވެެސް ކޯޓުތަކުންނެވެ. އެހެނީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގެއެއް ބަލައި ފާސްކުރުމުގެ އަމުރަކަށް އެދުމުން، ފުރިހަމަ ނުވާ އަމުރެއް ދިނީ ހުޅުމާލޭ ކޯޓުން ކަމަށް ވާތީ އެވެ. އޭގެ ފަހުން ވެެސް ތަކުރާރުކޮށް އެ މީހުން ހައްޔަރުކުރުމަށް ފުލުހުން ކުރި މަސައްކަތްތަކާ ދެކޮޅަށް ކޯޓުތަކުން އެކުގައި ތެދުވުމުން، ކޯޓުތަކުން އެ ކުރަނީ މުޅިން އެހެން ކަމެއް ކަން އެނގެ އެވެ.
މީގެ ކުރިން ވެސް މިފަދަ އެތައް މައްސަލަތަކެއްގައި ކޯޓުތަކާއި، ފުލުހުން ވަނީ މަސައްކަތްކޮށްފަ އެވެ. އިދާރީ ގޮތުން ގޯހެއް އޮވެއްޖެ ނަމަ އެކަންކަން އިސްލާހްކޮށް، ހައްލުތައް ވެސް ހޯދަ އެވެ. ނަމަވެސް ހިތާމައަކީ ކުށްވެރިން މަގުމަތިކޮށްލުމަށް ފަހު ނަމަވެސް ސަރުކާރާ ކޯޅެން ސަރުއީ ދާއިރާ މަސައްކަތް ފެށުމެވެ.
މީގެ ކުރިން 2011 ވަނަ އަހަރު ވެސް ކްރިމިނަލް ކޯޓުން މިފަދަ ނިންމުންތަކެއް ނިންމާފައި ވެއެވެ. އޭރުގެ ހެލްތު އެންޑް ޖެންޑަރ މިނިސްޓަރަކަށް ހުންނެވި ޑރ. އާމިނަތު ޖަމީލް ޒިންމާދާރުކުރުމަށް ކަމަށް ބުނެ ކޯޓުން ވަނީ ކުށްވެރިއަކު ދޫކޮށްލާފައެވެ. ގަސްދުގައި މީހަކު މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އިބްރާހިމް ޝަހުމް އާދަމް ކޯޓުން ދުކޮށްލުމުގެ ނަތީޖާއަކަށްވީ މުޖުތަމައު އިތުރު ނުރައްކަލަކަށް ވެއްޓި، އިތުރު ހާދިސާތަކެއް ހިނގުމެވެ. ދޫކޮށްލުމާ އެކު ނުކުމެ މީހެއްގެ ފުރާނަ ދުއްވާލުމެވެ.
ޖުޑީޝަރީ އިސްލާހްކުރުމަށް ސަރުކާރު ތެދުވާ ކޮންމެ ދަނޑިވަޅެއްގައި ކޯޓުތަކުން މިފަދަ ނިންމުމެއް ނިންމާ ނަމަ، މުޖުތައުމައުއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އޭގެ ނަތީޖާއެއް ނުފެންނާނެ އެވެ. ކޯޓުތަކުގެ އެއް ދޮރުން ވައްދާ، އަނެއް ދޮރުން ނެރޭ ނަމަ ފުލުހުން ކިތަންމެ މަސައްްކަތެއް ކުރި ނަމަވެސް އެކަމެއް ވަނީ ފޫނެއް ފަޔަށް ފެންފުރުން ފަދަ ކަމަކަށެވެ.
ސުވާލަކީ އަނެއްކާ ވެސް ކޯޓުތަކުން ހެދިހާ އެއްޗަކަށް ފުރުސަތުދީ، މާޒީ އިޔާދަވުމަށް ފުރުސަތު ދޭނީތޯ އެވެ. 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީ ސަރުކާރު ވައްޓާލުމަށް އޭރުގެ ޖުޑީޝަރީން ވެސް ޖެއްސީ ހަމަ މިކަހަލަ މަޅިއެކެވެ. މިނިސްޓަރ ޑރ. އާމިނަތު ޖަމީލް ޒިންމާދާރުކުރުމަށް ކަމަށް ބުނެ، ކުށްވެރިން ދޫކުރަން ފެށި އެވެ. އެއާ އެކު އެ ގާޒީ އެކަހެރިކުރަން ސަރުކާރަށް މަޖުބޫރުވުމުން، ހުރިހާ ކޯޓުތައް އެކުގައި ގާޒީއަކު "ރަހީނު" ކުރިކަމުގެ ޓެގު އަޅުވާ ސަރުކާރެއް ވައްޓާލީ އެވެ. ނަމަވެސް އެ ދުވަހުގެ ހާލަތާއި، މިއަދުގެ ހާލަތާ ތަފާތުތަކެއް އެބަހުއްޓެވެ.
ސަރުކާރަށް މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އެބަ އޮތެވެ. ޖޭއެސްސީގެ ފުރިހަމަ މެޖޯރިޓީ ނުލިބުނު ނަމަވެސް، އިންސާފަށް މުހިންމު ނިންމުންތައް ޖޭއެސްސީގެ ތެރެއިން ވެސް ނިންމުމުގެ ފުރުސަތު ސަރުކާރަށް އެބައޮތެވެ. އެހެންކަމުން މިއީ ސަރުކާރުން ހިންގާ ޕާޓީންނާއި، މުޅި ސަރުކާރު އެއްކޮށް ތެދުވެ، ޒަރީމާތައް ހިންގާ ފަރާތްތައް ހުއްޓުވުމަށް ލިބިފައިވާ ރަނުގެ ފުރުސަތެކެވެ. ނަމަވެސް އެކަން ކުރާއިރު، ޤާނޫނުގެ ހަމަތައް ފުރިހަމަކުރުމަކީ މުހިންމު ކަމެކެވެ.
ކްރިމިނަލް ކޯޓާއި، ކޯޓުތައް އެކުވެ ކުށްވެރިން ދޫކުރަން ފެށުން އިތުރަށް ހާމަވެގެންދަނީ ޖުޑީޝަރީ އިސްލާހްކުރަންޖެހިފައިވާ މިންވަރުގެ ބޮޑުކަމެވެ.