އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މޭނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޑީސަލް އަންދައިގެން ކަރަންޓު އުފެއްދުމުގެ ބަދަލުގައި އިޔާދަކުރެނެވި ހަކަތައިން ކަރަންޓު އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ފެނަކަ ކޯޕްރޭޝަނުން އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ތައްޔާރުވެ، ރާއްޖޭގެ ގިނަ ރަށްރަށުގައި އިޔާދަކުރަނިވި ހަކަތާގެ ވިޔުގައި ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތައް ކޮށްފައިވާ ކަމަށެވެ. އެގޮޮތުން އެކަމަށްޓަކައި ކުރަންޖެހޭ ކަރުދާހުގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ 70 އިންސައްތަ ހަކަތަ ސޯލާ ޕެނަލާއި، ތިމާވެއްޓާއި ރައްޓެހި ގޮތްތަކުން އުފެއްދުންކަމަށެވެ.
އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމުން މިހާރު ދިމާވާ ގިނަ މައްސަލަތަކަކަށް ހައްލު އަންނާނެކަން ފާހަގަކޮށް ސައީދު ވިދާޅުވީ، އިތުބާރާއި، ޔަޤީންކަމާއެކު ރައްޔިތުންނަށް ހިދުމަތް ލިބޭނެކަމަށެވެ. އަދި އެއާއިއެކު އަގަށްވެސް ބޮޑެތި ބަދަލުތަކެއް އައިސް، ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން ސައީދު ފާހަގަކުރެއްވި އެވެ.
އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އިތުބާރު އެބައޮތް ޕީޕީ މޮޑެލްގައި ދިވެހިރާއްޖެއަށް މިކަމަށް ޝައުގުވެރިވާ އެތައް ބަޔަކު އުޅޭކަން. އެހެންވީމަ އަޅުގަނޑުމެންގެ ގާނޫނަށް ގެންނަންޖެހޭ މިކަމަށް. ދިވެހިރާއްޖޭގައި މިހާތަނަކަށް ނެތް އެފަދަ ގާނޫނެއް. އަޅުގަނޑުމެން އުންމީދު ކުރަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެފަދަ ލޯއެއް ދިވެހިރާއްޖެއަށް ތައާރަފް ވެގެންދާނެ ކަމަށް. ދިޔާމަ އެކަމަށް އިންވެސްޓް ކުރާ ފަރާތްތައް ވެސް އިތުބާރު ލިބި ރައްޔިތުންނަށް ލިބެމުންދާ ޚިދުމަތްތައް ހަރުދަނާ ގޮތެއްގައި ލިބެމުންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ.އަހުމަދު ސައީދު
ސައީދު ވިދާޅުވީ އާންމު ފަރުދުންނަށް ވެސް އަމިއްލަ ގޭގައި ހަކަތަ އުފައްދައިގެން ސަރުކާރުން ގެންގުޅޭ ވިއުގާ ތެރެއަށް އެމީހުންގެ ކަރަންޓު ވިއްކުގެ ނިޒާމެއް ގާއިމްވެގެން ދިއުމަކީ ރައްޔިތުން މިކަމަށް ކުރާ ހަރަދުތައް އިންތިހާއަށް ކުޑަވެގެންދާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ހިސާބުތަކުން ދައްކާގޮތުގައި އިޔާދަކުރަނިވި ނިޒާމެއްގެ ގާއިމްކުރެވިއްޖެނަމަ ތެލަށް ކުރާ ހަރަދުގެ 30 އިންސައްތަ ކުޑަކުރެވިގެންދާނެ ކަމަށެވެ.