އިންޑިއާ ސަރުކާރުގެ ހިލޭ އެހީން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއަށް ބޭނުންވާ އުޅަނދުތައް ގަތުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދީފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އަށް ބޭނުންވާ އުޅަނދުފަހަރު ގަތުމަށް 8 މިލިއަން ދިވެހި ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތައް އެއް ތަނުން އަނެއް ތަނަށް އަވަހަށް ގެންދިއުމަށްޓަކައި އެ ސަރވިސްއަށް ބޭނުންވާ އިތުރު އުޅަނދުތައް މި ޕްރޮޖެކްޓުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށެވެ.
މީގެ އިތުރުން އިންޑިޔާގެ ހިލޭ އެހީގެ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) އިން ށ. ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް ހެދުމަށް ވަނީ ހަަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނީ ހިލޭ އެހީގެ ތެރެއިން ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް ހެދުމަށް ކަނޑައަޅާފައިވަނީ 5 މިލިއަން ދިވެހި ރުފިޔާއެވެ.
މި މަޝްރޫޢުގެ ދަށުން ހަދާ ކޮމިއުނިޓީ ސެންޓަރުގައި، ފޯކައިދޫގެ ރައްޔިތުންނަށް އަދި އަތޮޅުގެ ރައްޔިތުންނަށްވެސް ބޭނުންވާ ތަފާތު އިޖްތިމާޢީ ހަރަކާތްތައް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ޒުވާނުންގެ ކުރިއެރުމަށް ހިންގޭ ހަރަކާތްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިދާރީ މަސައްކަތާއި، ކުތުބުޚާނާގެ ޚިދުމަތާއި، އަތޮޅު ފެންވަރުގައި ބާއްވާ ވާރކްޝޮޕް، ރީޖަނަލް ސެމިނަރ އަދި އެކި ބައްދަލުވުންތައް ބޭއްވުމަށްވެސް މި ސެންޓަރު ބޭނުން ކުރެވޭނެ ކަމަށް މިނިސްޓްްރީން ބުންޏެވެ. މިވަގުތު އެކި އުމުރުފުރައިގެ މީހުންނަށް މިފަދަ އިޖްތިމާޢީ ހަރަކާތްތައް ހިންގުމަށް ބޭނުންކުރާނެ ތަނެއް އެ ރަށުގައި ނެތް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އިންޑިޔާގެ ހިލޭ އެހީގެ ދަށުން މާލޭ ސިޓީ ކައުންސިލަށް ބޭނުންވާ މެޝިނަރީއާއި ވެހިކަލް ގަތުމަށް ބޭނުންވާ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. މި އެހީގެ ދަށުން ސިޓީ ކައުންސިލަށް ބޭނުންވާ މެޝިނަރީއާއި ވެހިކަލް ގަތުމަށް 8 މިލިއަން ދިވެހި ރުފިޔާ ކަނޑައަޅުއްވައިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މާލެ ސިޓީ ކައުންސިލުގެ ޤާބިލްކަން އިތުރުވެ، ސިޓީ ކައުންސިލުންދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ، މާލެ ސިޓީގެ ތަރައްޤީއަށް މަޝްރޫޢުތައް ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ ކުރީގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓުތައް ހިންގާނީ ރާއްޖޭގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެންނެވެ.