މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައި ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުންގޯސްވެ ވިއްސާރަވާނެތީ އެކަމަށް ސަމާލުވުމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުރި އަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވާތީ، އޭގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާއެއް ކުރިމަތި ވެދާނެ ކަމަށް ހުރިހާ ރައްޔިތުން ސަމާލުވުމަށާއި، ކޮޅިގަނޑުގައި ގަދައަށް ވައިޖެހުމުގެ ސަބަބުން ގޭގޭގެ ފުރާޅު އެއްލާލުމާއި، ގޭގޭގެ ފުރާޅުމައްޗަށާއި ފާރު މައްޗަށް ގަސް ފަދަ ތަކެތި ވެއްޓުމާއި، އޮޑި ދޯނި ފަހަރުގެ ވައު ކަނޑައިގެން ދިއުން ފަދަ ހާދިސާތައް ކުރިމަތި ވެދާނެ ކަމަށް ރައްކާތެރި ވުމަށް އެ އޮތޯރިޓީން އިލްތިމާސްކުރާ ކަމަށެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގިނަ ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތި ވަމުންދާއިރު، އެ އޮތޯރިޓީން ވަނީ ރަށްރަށުގައި ފެން ހިންދުމަށް ބޭނުންކުރާ ޕަންޕާއި ގޯނި ފަދަ ތަކެތި ވަގުތުން ބޭނުން ކުރެވޭ ފަދަ ހާލަތްތަކުގައި ބެހައްޓުމަށް ކައުންސިލްތަކަށް އިލްތިމާސް ކޮށްފައެވެ. އޭގެ އިތުރުން، ލިބޭ ގެއްލުންތަކުގެ ފުރިހަމަ މަޢުލޫމާތު ވީއެންމެ އަވަހަށް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯރޓް ކުރުމަށާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ކަންކަން ފުރިހަމަކޮށް، މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ވެސް އެ ބަޔާނުގައި އިލްތިމާސް ކޮށްފައި ވެއެވެ.
ބައެއް ރަށްރަށުގައި ފެން ބޮޑުވުމުގެ ސަބަބުން ނަޖިސް ލީކުވުން ފަދަ ކަންކަން ކުރިމަތިވަމުންދާއިރު، އޭގެ ސަބަބުން ދިމާވެދާނެ ސިއްޚީ މައްސަލަތައް ހައްލުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި، ރަށްރަށުގެ ހޮސްޕިޓަލްތަކާއި، ސިއްޚީ މަރުކަޒުތަކުން އެ އޮތޯރިޓީއާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ވެސް ލިބޭ އެކި ގެއްލުންތައް ބެލުމަށްޓަކައި އެމްއެންޑީއެފާއި، ފުލުހުންގެ އިތުރުން ދިވެހިރެޑް ކްރެސެންޓްގެ ބްރާންޗްތަކާއި، އެމަރޖެންސީ ރެސްޕޮންސް ޓީމްތައް ޤާއިމްކުރެވިފައިވާ ރަށްރަށުގެ ވޮލަންޓިއަރުންނާ ގުޅިގެން އެ އިދާރާއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާއިރު ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި، ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.