ކ. މާލެ
|
1 މާރޗް 2017 | ބުދަ 06:09
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސައިމަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސައިމަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
ހުޅުމާލެ
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
ޒޯން އެކެއްގައި އަޅާ އުޅަންދު ތަކުން ކޮންމެ މީޓަރަކަށް މަހަކު 50 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ
ޒޯން ދޭއްގައި އަޅާ އުޅަންދު ތަކުން ކޮންމެ މީޓަރަކަށް މަހަކު 100 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ
އުސޫލާ ޚިލާފުވާ ފަރާތެއް ފުރަތަމަ ފަހަރަށް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރެވޭ

ހުޅުމާލޭ ބަނދަރު ދެ ޒޯނަކަށް ބަހާލައި، އެ ބަނދަރުގައި އަޅާ އުޅަނދުފަހަރުގެ ދިގުމިނަށް ބަލައިގެން މާެޗް މަހުން  ފެށިގެން ފީއެއް ނެގުމަށް ނިންމައިފައިވާކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީން  ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ބަނދަރު ދެ ޒޯނަކަށް ބަހާލައި، އުޅަނދުތަކުން ފީ ނެގުމަށް ނިންމީ ހުޅުމާލޭ ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބޭއްވުމުގެ ސަބަބުން އެސަރަހައްދަށް ވަދެ ނުކުމެ އުޅޭ އުޅަނދުތަކަށް އުނދަގޫ ވާތީ އެވެ.

އެޗްޑީސީއިން ވަނީ، ހުޅުމާލޭ ފަރާއި ފަޅު ބޭނުންކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި، އާއްމުކޮށްފަ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ހުޅުމާލޭ ބަނދަރުގެ ފުރަތަމަ ޒޯނަކީ އެ ބަނދަރުގައި ހުޅުލެއާ ދިމާލުން އޮތް ހިސާބެވެ. އެ ހިސާބުގައި އަޅާފައި ބޭއްވޭނީ ރާއްޖެ އިން ބޭރުން އަންނަ ޔޮޓު ފަހަރާއި ސަފާރީ އާއި ޑައިވިންގް އަދި އެކްސްކާޝަން އުޅަނދުތައް ފަދަ، ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އުޅަނދުތަކެވެ. މި ޒޯނުގައި އަޅާފައި ބާއްވާ ކޮންމެ އުޅަނދެއް، އެ އުޅަނދުގެ ދިގުމިނަށް ބަލައި، ކޮންމެ މީޓަރަކަށް މަހަކު 50 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ބަޔާނުގައިވާ ގޮތުން ދެވަނަ ޒޯނު އޮންނަނީ ހުޅުމާލޭ ބަނދަރުގެ އިރުމަތީ ދިމާލުގައި، ހުޅުމާލޭގެ ދެވަނަ މަޝްރޫއުގައި ހިއްކި ސަރަހައްދު ކުރިމަތިން ކަމަށާއި އެ ސަރަހައްދުގައި އަޅާފައި ބޭއްވޭނީ ލޯންޗާއި، މުދާ އުފުލާ އުޅަނދުތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުތަކާއި އަމިއްލަ އުޅަނދުފަހަރެވެ. އެ ޒޯނުގައި އޮންނަ ކޮންމެ އުޅަނދެއް މަހަކު ދައްކަން ޖެހެނީ ދިގުމިނަށް ބަލައި، މީޓަރަކަށް 100 ރުފިޔާގެ ފީއެކެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން ހުޅުމާލޭ ބަނދަރުގައި އަޅާފައި އޮވެ، އުޅަނދެއް މަރާމާތު ކުރެވޭނީ އެޗްޑީސީގެ ހުއްދައާ އެކުގަ އެވެ. އަދި އެ އުޅަނދަކުން ވިޔަފާރި ވެސް ކުރެވޭނީ އެޗްޑީސީގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއްގެ އިތުރުން، ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ހޯދައިގެންނެވެ.

އުސޫލުގައި ބުނެފައި ވަނީ، އެ އުސޫލާ ޚިލާފުވާ ފަރާތެއް ފުރަތަމަ ފަހަރަށް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރެވޭއިރު  ދެވަނަ ފަހަރު 10،000 އާ 50،000 ރުފިޔާއާ ދެމެދު، އަދި ތިން ވަނަ ފަހަރު އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިދާ ނުދައްކައިފި ނަމަ، ނުވަތަ ތިންފަހަރަށް ވުރެ ގިނައިން ގަވައިދާ ޚިލާފުވެއްޖެ ނަމަ އެފަރާތެއް ހުޅުމާލޭ ބަނދަރު ބޭނުންކުރުން މަނާކުރެވޭނެ އެވެ.

- ކޮމެންޓް