އިންތިޚާބު ތަކުގައި ސިފައިންނަށް ވޯޓު ނުލެވޭނެ ގޮތަށް ހެދުމަށްޓަކައި ސިފައިންގެ ޤާނޫނަށް އިސްލާހް ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ
ޝަރީފް މިހެން ވިދާޅުވީ، ޓީވީ މޯލްޑިވްސްއިން ލައިވްކޮށް ދައްކަމުންދިޔަ ސިފައިންގެ ހެވިކަމުގެ މުބާރާތް ފެށުމަށް ކަޅުތުއްކަލާ ކޮށީގައި އަންގާރަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ސިފައިންނަކީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ވާންޖެހޭ ކަމަށާއި ސިފައިންނަށް ވޯޓުލުމުގެ ހައްގު ކަށަވަރު ކުރާ ސިފައިންގެ ޤާނޫނުގެ 20 ވަނަ މާއްދާ އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ސިފައިންގެ ޤާނޫނަށް އިސްލާހު ގެންނަވައިގެން ސިފައިންނަށް ވޯޓު ނުލެވޭނެ ގޮތް ހައްދަވާނެ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެފައި މިވަނީ ފުލުހުންނަށް އިނާޔަތް ބޮޑު ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވަނިކޮށެވެ.
އެލަވަންސް ބޮޑުކުރެވިފައި ނުވާ ސަބަބެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ބުނަމުން ދަނީ ފުލުހުންނަށް އެލަވަންސް ބޮޑުކޮށްފިނަމަ ސިފައިންނަށްވެސް މުސާރަ ނުވަތަ އެލަވަންސް ބޮޑު ކުރެވެންވާނެ ކަމަށް ބުނުމުން ކަމަށެވެ.
ޑިފެންސް މިނިސްޓަރު މިވާހަކަފުޅު ދެއްކެވީ ލޯކަލް ކައުންސިލް އިންތިޚާބު ވެރިކަން ކުރާ ޕީޕީއެމަށް ތައްޔާރު ނުވެވިގެން ލަސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.