Advertisement
ކ. މާލެ
|
4 ޖޫން 2019 | އަންގާރަ 19:08
އުފުރިޔާ ދޯނީގައި ތިބި ފަޅުވެރިން ކައްދޫއަށް ގެންދަނީ
އުފުރިޔާ ދޯނީގައި ތިބި ފަޅުވެރިން ކައްދޫއަށް ގެންދަނީ
އެމްއެންޑީއެފް
ކަނޑުމަތީގެ ހާދިސާ
މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގައިފި
ސަފާރީއެއްގެ ނަގިލި ކަހާލައި ފަޅުތެރޭގައި އޮތް ގަލަކަށް އެރި
އައްޑޫއަށް ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓި ހާލުގައި ޖެހުނު
ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ކަރަންޓު ކެނޑުނު

ރާއްޖޭގެ މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މ. ނަލާފުށި ފަޅުގައި އަޅާފައި އޮތް ކާޕެންޑިއަމް ނަމަކަށް ކިޔާ ސަފާރި އެއް މޫސުން ގޯސްވުމުގެ ސަބަބުން ނަގިލި ކަހާލައި ފަޅުތެރޭގައި އޮތް ގަލަކަށް އެރުމާ ގުޅިގެން އެސަފާރީ ފުންކުރުމުގައި ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ ހެނދުނު 6:45ގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިސަފާރީގައި 13 ފަޅުވެރިން ތިބި ކަމަށެވެ. އެއީ އަށް ދިވެހިން ފަސް ބިދޭސީން އަދި 17 ގެސްޓުންނެވެ.

މީގެ އިތުރުން މާލޭން ފުރައިގެން އައްޑޫސިޓީއަށް ދަތުރުކުރަމުން ދިޔަ "އުފުރިޔާ" ދޯނީގެ އިންޖީނު ހުއްޓި ހާލުގައި ޖެހުމުން އެ ދޯނި ހޯދައި، އޭގައި ތިބި މީހުން ލ. ކައްދޫއަށް އެމްއެންޑީއެފުން ވަނީ ގެންގޮސްފައެވެ.

އެމްއެންޑީއެފުން ބުނީ 33 ފޫޓްގެ އެ ދޯނި ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފެށީ ފުރި ފަހުން ހަބަރެއް ނުވެގެން، ހޯމަ ދުވަހުގެ ހަވީރު 17:20 ހާއިރު ކަމަށެވެ. އަދި ދޯނި ފެނިފައިވަނީ ހޯމަ ދުވަހުގެ ރޭ 22:30 ހާއިރު، ލ. ގަމުގެ އިރުން 31 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓި، ހާލުގައި ޖެހިފައި ވަނިކޮށެވެ.

Advertisement

މިދޯނި ހޯދުމުގެ ހަރަކާތްތެރިވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" ލޯންޗެވެ.

އެ ދޯނި ކަފުޖަހާނެ އިތުރު އުޅަނދެއް ލިބޭތޯ ދޯނީގެ ވެރިފަރާތުން މަސައްކަތްކުރި ނަމަވެސް ކަފުޖަހާނެ އުޅަނދެއް ނުލިބި، ގަދަ އޮޔާ އެކު ރާއްޖޭގެ ސަރަޙައްދުން ބޭރަށް ދޯނި ދާތީ އަންގާރަ ދުވަހުގެ ހެނދުނު 06:30 ހާއިރު، ލ. ގަމުގެ އިރުން 57 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ވަނީ ކަނޑަށް ދޫކޮށްލާފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތައް ހިގުމުގެ އިތުރުން ބޯކޮށް ވާރޭވެހި ބައެއް ރަށްތައް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

އެގޮތުން އދ. ގިދުރަށަށް ރޭސުރެން ވާރޭ ވެހެމުން ދިއުމުގެ ސަބަބުން މިއަދު ހެނދުނު 6:00 ހާއިރު ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނެއެވެ. އަދި ބައެއް ގެތަކަށް ފެން ވަދެފައެވެ. އަދި އެ ރަށުފަޅުގައި އޮތް ކުޑަ ލޯންޗެއް އަޑިއަށް ގޮސްފައިވައެވެ. ފުލުހުންނާއި ކައުންސިލް ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އައްޑޫ ސިޓީ ފޭދޫ އަދި މަރަދޫ ފޭދޫ އަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އެރީއާގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ލ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވިއްސާރަވުމުގެ ސަބަބުން ގެއްލުންތައް ލިބިފައި ވެއެވެ.

މާލެ އަށް ވެސް ދޭތެރެ ދޭތެރެއިން ވާރޭ ވެހެމުންދާއިރު ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް