ހުޅުމާލެގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި 3 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުން ކޯޓުން ދޫކޮށްލީ، ހައްޔަރުކުރުމަށް ހުޅުމާލޭ ކޯޓުން ނެރުނު އަމުރު ފުރިހަމަ ނުވާތީކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ޑީޖޭއޭގެ މީޑިއާ އޮފިޝަލް ފައިސަލް އާދަމް ވިދާޅުވީ ހުޅުމާލޭ ކޯޓުން ފުލުހުންނަށްދީފައިވާ ކޯޓު އަމުރުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނު 32 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަމްބަރާއި، 41 ވަނަ މާއްދާގެ (ށ) ގެ 6 ނަމްބަރުގައިވާ ކަންތައްތައް ކޯޓު އަމުރުގައި ފުރިހަމަވެފައިނުވާކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނު 32 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަމްބަރުގައި ބުނެފައިވަނީ ބަލައި ފާސްކުރުމުގެ ކޯޓު އަމުރުގައި ހުއްދަދޭ ފަނޑިޔާރުގެ ނަމާއި ސޮއި އަދި ކޯޓުގެ ތައްގަނޑު ހުންނަންޖެހޭނެ ކަމަށެވެ. އަދި އެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގެ 6 ނަމްބަރުގައި ބުނެފައިވަނީ މީހަކު ހައްޔަރުކުރުމަށް ނެރޭ ކޯޓު އަމުރުގައި ހުއްދަދޭ ފަނޑިޔާރުގެ ނަމާއި ސޮއި އަދި ކޯޓުގެ ތައްގަނޑު ހިމަނަންޖެހޭނެ ކަމަށެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ ދެ މީހުން ހައްޔަރުކުރުމާއި ބަލައި ފާސްކުރުމަށް ހުޅުމާލޭ ކޯޓުން ފުލުހުންނަށް ދިން އަމުރުގައި އެކަންކަން ފުރިހަމަ ނުވާކަމަށެވެ.
ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހޯމަ ދުވަހުގެރޭ 03:10 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ކޯޓުން ނެރުނު ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި، 52 އަހަރު ދިވެހި އަންހެނެއްކަމަށް ފުލުހުން ބުންޏެވެ.