Advertisement
ކ. މާލެ
|
4 ޖޫން 2019 | އަންގާރަ 13:22
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް
އަދީބު ޚިޔާނާތްތެރިވި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި
ޖުމްލަ 15 މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައި
އިސްތިއުނާފު ކޮށްފައިވަނީ ހޯމަ ދުވަހު
ޚިޔާނާތުގެ މައްސަލައިގައި އަދީބަށް އަށް އަހަރުގެ ހުކުމް ކުރި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޚިޔާނާތްތެރިވި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ހައިކޯޓުން ވަނީ ޚިޔާނާތްތެރިވި މައްސަލައިގައި އަދީބަށް އިއްވި އަށް އަހަރުގެ ހުކުމް ބާތިލް ކޮށްފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ އަދީބު ޚިޔާނާތްތެރިވި މައްސަލަ ދައުލަތުން އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ. އެމައްސަލަ ދައުލަތުން އިސްތިއުނާފު ކޮށްފައިވަނީ ހޯމަ ދުވަހުއެވެ.

އަދީބު ޚިޔާނާތްވި ކަމަށް ކަނޑައަޅައި އޭރު ކުރި އަށް އަހަރުގެ ހުކުމަކީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީ އިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުނިން އެމްއެމްޕީއާރުސީ އަށް ދިން ފަސް މިލިޔަން ޑޮލަރަށް (77 މިލިއަން ރުފިޔާ) ޚިޔާނާތްތެރިވި މައްސަލައިގައި އިއްވާފައިވާ އަށް އަހަރުގެ ހުކުމެވެ. އެހުކުމް ބާތިލް ކުރުމަށް ފަހު ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް އަންގާ ކަމަށެވެ.

Advertisement

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަދީބަށް ދައުވާ ކޮށްފައިވަނީ ނުފޫޒުން އެއްކިބާވެފައިވާ ގޮތަށް ތަހުގީގު ކުރުމަކާ ނުލައި މިހާރު ދައުވާކުރެވިފައިވާ ގޮތުގެ މަތިން އިތުރަށް ކުރިއަށް ގެންދިއުން ގާނޫނީ ހަމަތަކުގެ މަތިން ސައްހަ ވެގެން ނުވާ ކަމަށް އެކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށް ބުނެ އެމައްސަލަ ޕީޖީއަށް އަނބުރާ ފޮނުވާލާފައެވެ. ޚިޔާނާތުގެ މައްސަލަ ހިމެނޭގޮތަށް އަދީބަށް ކުރި 13 މައްސަލައެއްްގެ ދައުވާއާއި ލޯންޗުކޮޅު މައްސަލައިގައި އޭނާއަށް ކުރި 15 އަހަރުގެ ހުކުމް ބާތިލްކުރުމަށް ފަހު އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އެންގި އެންގުން ނުބެލުމަށް އެކޯޓުން ވަނީ ނިންމާފައެވެ.

ކްރިމިނަލް ކޯޓުން ޕީޖީއަށް އަނބުރާ ފޮނުވި 15 މައްސަލައިގެ ތެރޭގައި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގާ ގުޅިގެން ނުވަ ރަށެއްގެ ނުވަ ދައުވާ ވެސް ހިމެނެއެވެ. އެ ދައުވާގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ.

ތަފާތު އެކި ދައުވާތަކުގައި އަދީބުގެ މައްޗަށް ދަށު ކޯޓުން 33 އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރިއެވެ. ނަމަވެސް މަތީ ކޯޓުތަކުން މިހާރު ވަނީ އެ ހުކުމްތައް ބާތިލް ކޮށްފައެވެ. އަދީބު މި ވަގުތު ހުންނެވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ކުރި 15 ދުވަހުގެ ހުކުމުގައެވެ. ބަލި ހާލަތު ހުރި ގޮތުން އަދީބު ގޭބަންދުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް