ކ. މާލެ
|
3 ޖޫން 2019 | ހޯމަ 20:11
ޔާގެން ކްލޮޕް
ޔާގެން ކްލޮޕް
ގެޓީ އިމޭޖަސް
ޔާގެން ކްލޮޕް
ލިވަޕޫލުން ކްލޮޕް އަށް އާ އެއްބަސްވުމެއް ހުށަހަޅަނީ
އާ އެއްބަސްވުމުގެ ދަށުން ކްލޮޕްއަށް އަހަރަކު 10 މިލިއަން ޕައުންޑް ލިބޭނެ

ލިވަޕޫލުން އެ ކްލަބްގެ ކޯޗު ޔާގަން ކްލޮޕްއަށް އާ އެއްބަސްވުމެއް ހުށަހަޅަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ ޑެއިލީ މެއިލްއިން ބުނީ، ލިވަޕޫލަށް ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗަށް އާ އެއްބަސްވުމެއް ހުށަހަޅަން އެ ކްލަބުން ތައްޔާރުވަމުން އަންނަ ކަމަށާއި، އާ އެއްބަސްވުމުގެ ދަށުން އޭނާ އަށް އަހަރަކު 10 މިލިއަން ޕައުންޑު ލިބޭނެ ކަމަށެވެ.

ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރު ހަވާލުވި ކްލޮޕްއަށް މިހާރު ލިބެނީ އަހަރަކު ހަތް މިލިއަން ޕައުންޑެވެ. އޭނާ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ ތިން އަހަރު އެބައޮތެވެ.

ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 51 އަހަރުގެ ކްލޮޕް ކްލަބުގައި ދިގު މުއްދަތަކަށް ބަހައްޓަން ލިވަޕޫލުން ބޭނުންވެއެވެ. އެގޮތުން އޭނާގެ މުސާރަ ވެސް ބޮޑުކުރަން ކްލަބުން ނިންމީ ދިގު މުއްދަތަކަށް ބެހެއްޓުމުގެ ބޭނުމުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލުން މިހާތަނަށް ކުޅުނު 208 މެޗުގެ ތެރެއިން 119 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، 37 މެޗުން އެޓީމު ވަނީ ބަލިވެފައެވެ. އަދި 52 މެޗުން އެ ޓީމު ވަނީ އެއްވަރުވެފައެވެ.

މީގެ ކުރިން ބްރޫޝިއާ ޑޯޓްމަންޑް އަދި މެއިންޒްއަށް ކޯޗުކަންކޮށްދީފައިވާ ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ގިނަ ކުރިއެރުންތައް ވަނީ ހޯދާފައެވެ. އެ ގޮތުން ޔޫރޮޕާ ލީގުގެ ދެވަނަ ހޯދުމުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދުން ހިމެނެއެވެ.

މީގެ އިތުރުން ލިވަޕޫލުން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގު ވެސް ކްލޮޕްގެ އިރުޝާދުގެ ދަށުން ހޯދާފައެވެ. އަދި ލީގް ކަޕްގެ ދެ ވަނަ ވެސް އެ ޓީމުން ވަނީ އޭނާގެ އިރުޝާދުގެ ދަށުން ހޯދާފައެވެ.

ޖަރުމަނުގެ އެންމެ މޮޅު ކޯޗުގެ މަގާމު ދެފަހަރު ހޯދާފައިވާ ކްލޮޕްގެ އިރުޝާދުގެ ދަށުން ޑޯޓްމަންޑުންވެސް ވަނީ ކާމިޔާބީތައް ހޯދާފައެވެ. އެގޮތުން ދެ ލީގު ތަށި، ލީގް ކަޕް އެއްފަހަރު އަދި ދެ ޖަރުމަން ސުޕަކަޕް ވެސް ވަނީ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް