މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނައިދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޖުނައިދު ވިދާޅުވީ އޭނާ އެމްޕީއެލްގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވީ އޭނާއަކީ އަމިއްލަ ވިޔަފާރިއެއް ވެސް ކުރައްވާ ބޭފުޅަކަށް ވާތީ އަމިއްލަ ވިޔަފާރި އަށް ވަގުތު ދެއްވުމުގެ ގޮތުން ކަމަށެވެ.
ޖުނައިދު ވިދާޅުވީ އެމްޕީއެލްގެ ސީއީއޯގެ މަގާމުގެ މަސްއޫލީއްޔަތުތަކާ ވާޖިބްތައް އަދާކުރަމުން އޭނާގެ އަމިއްލަ ވިޔަފާރި އަށް ވަގުތު ދޭން ބޭނުންވާ މިންވަރަށް ވަގުތު ނުދެވޭ ކަމަށެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ މިވަގުތު އިސްތިއުފާ ދެއްވުން ކަމަށް ޖުނައިދު ވިދާޅުވިއެވެ.
ޖުނައިދު ވިދާޅުވީ އޭނާގެ އިސްތިއުފާގެ ސިޓީ މިހާރު ރައީސް އޮފީހަށާއި އަދި ޕްރެވެޓައިޒޭޝަން ބޯޑަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި އިސްތިުފާގެ ސިޓީގެ ފޮނުވީ މިރޭގެ ވަގުތެއްގައި ކަމަށް ޖުނައިދު ވިދާޅުވިއެވެ.
އެމްޕީއެލްގެ އީސީއޯގެ މަގާމުން ޖުނައިދު އިސްތިއފާ ދެއްވާއިރު އޭނާއަކީ ރައީސް އަބްދުﷲ ޔާމީންއާ ވަރަށް ގާތްބޭފުޅެކެވެ.
ޖުނައިދު ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވިއިރު އެމްޕީއެލް އަށް ތަޔޮގަތުމުގެ މައްސަލާގައި ޕީޕީއެމްގެ ޕީޖީ ގުރޫގެ ޑެޕިޔުޓީ ލީޑަރު އަދި މެރީޑިއަމް ކުންފުނީގެ އެމްޑީ ރިޔާޒް ރަޝީދާ ދެމެދު ވަނީ ބޮޑެތި މައްސަލަތަކެއް ޖެހިފައެވެ. އެގޮތުން ޖުނައިދު ވިދާޅުވެފައި ވަނީ މެރީޑިއަމް މެދުވެރިކޮށް އެމްޕީއެލް އަށް ތެޔޮގަތުމުގެ ސަބަބަން އެމްޕީއެލް އަށް ބޮޑެތި ގެއްލުން ވަމުންދާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ވަނީ ކޯޓް މަރުހަލާގައެވެ.