ރައްޔިތުންގެ މަޖިލިސް އިދާރާއަކީ ޕްލާސްޓިކް ބޭނުން ނުކުރާ ތަނަކަށް ހެއްދެވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލިސް އިދާރާ އާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓުވާލުމަށް މަޖިލީހުގެ ރައީސް ނަޝީދު ނިންވަމާފައިވާތީ މީގެ ފަހުން މަޖިލީހުގައި ޕްލާސްޓިކް ބޭނުން ނުކުރާނެ ކަމަށެވެ. ރައީސް ނަޝީދު ބޭނުންފުޅު ވަނީ ވީހާވެސް ތިމާވެއްޓާއި ރައްޓެހި ގޮތުގައި މަޖިލީހުގެ ކަންކަން އިންތިޒާމް ކުރުމަށް ކަމަށް ނިއުޝާ ވިދާޅުވިއެވެ.
އެ ގޮތުން އެނާޖީ ސޭވިން ލައިޓްސްތައް ބަހައްޓަން ވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށް ނިއުޝާ ވިދާޅުވި އެވެ. އަދި މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްޓަކައި ބިޑް ކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ނިއުޝާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ޕްލާސްޓިކް ބޭނުން ނުކުރާ ގޮތަށް ރައީސް ނަޝީދު ނިންމަވާފައިވާއިރު ޕްލާސްޓިކާ ދުރަށް ދިއުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ބައެއް މިނިސްޓްރީތަކާއި ސަރުކާރު އޮފީސްތަކުން ވެސް ވަނީ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލާފަ އެވެ.