ފިތުރު އީދު ދުވަހު ހުޅުމާލޭގައި ވެސް އެއްގަމު އުޅަނދު ނުދުއްވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
އާދިއްތަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ފިޠުރު އީދާ ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ބާއްވާ ތަފާތު ކުޅިވަރުތަކުގައި އާއިލާތަކާ އެކު ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ ފުރުޞަތު ދިނުމުގެ ގޮތުން ފިޠުރު ޢީދު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން އިރުއޮއްސި 18:00 އަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވާ ގޮތަށް ހަމަޖައްސާފައި ވާކަމަށެވެ.
މީގެ އިތުރުން ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމުއުޅަނދާއި، އެމްބިއުލެންސްގެ އިތުރުން ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ ޓެކްސީ އާއި، ޕިކަޕް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކުރެވިފައިވާ ސައިކަލާއި، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް ފިޔަވައި އެހެން އުޅަދުތައް ކަނޑައެޅިފައިވާ ވަގުތުގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާ ކަމެއް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
މި އުޅަނދުތަކުގެ ތެރެއިން ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ ޓެކްސީ އަދި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތަށް އެދުވަހު ހާއްސަ ހުއްދައެއް މާލޭ ސިޓީ ކައުންސިލުން ދޫކުރަމުންގެންދާނެ ކަމަށާއި އުޅަނދުތަކުގައި އެ ހުއްދަ އާއްމުކޮށް ފެންނަހެން ހަރުކުރެވިފައި ހުންނަންވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.
އެންގުމާ ޚިލާފްވާ ފަރާތްތައް 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން -/750ރ. އިން ޖޫރިމަނާ ކުރެވޭނެ ކަން އާއްމުކޮށް އަންގާ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.
ފިތުރު އީދު ދުވަސް ކަމަށްވާ މި މަހުގެ 4 ވަނަ ދުވަހާއި، ދުނިޔޭގެ ތިމާވެށި ދުވަސް ކަމަށްވާ މި މަހުގެ 5 ވަނަ ދުވަހު މާލެ އާއި ވިލިމާލޭގައި ހަވީރު އިންޖީނުލީ އުޅަނދު ދުއްވުމަކީ މަނާ ކަމެއް ކަމުގައި ހަޖައްސާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ މި ދެ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން ހަވީރު 18:30 އަށް ފައިމަގުގައި ހިނގާ އުޅޭ ގަޑިތަކުގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތަށް ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލްގައި ހިމެނޭ 13 މެމްބަރުންގެ ތެރެއިން ހަތް މެމްބަރުން ސޮއިކޮށް ނެރެފައިވާ ގަރާރަކުންނެވެ.