ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދުގެ މުއްދަތު އިތުރު ނުކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބަށް ކުރި ހުކުމް އަލުން ބެލުމަށް 15 ދުވަސް ޖެހުމުން އެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް އާދީއްތަ ދުވަހު އެމަނިކުފާނު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައެވެ.
ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލިކަން ސާބިތުވެގެން އަދީބަށް 15 އަހަރުގެ ޖަލު ހުކުމެއް ކުރިއެވެ. އެ މައްސަލަ އަދީބަު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އަމުރު ކުރީ އެމައްސަލަ ދަށު ކޯޓުން އަލުން ބަލަން ޖެހޭ ކަމަށާއި އެހެންވެ، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް 15 ދުވަހުގެ މުހުލަތެއް ދިނުމަށެވެ. ހައިކޯޓުން އެ އަމުރު ކުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އެ 15 ދުވަސް ހަމަވާން ދެން އޮތީ ބާކީ ދެ ދުވަހެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ރާއްޖެއެމްވީއަށް ވިދާޅުވީ އަދީބުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެ އޮފީހުން ހުށައެޅީ ޝަރީއަތް ނިމެންދެން ކަމަށެވެ. އެހެން ނަމަވެސް ހައިކޯޓުން އަލުން ބަލަން ނިންމި އަދީބުގެ ދެ މައްސަލަ ކްރިމިނަލް ކޯޓުން އެ އޮފީހަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.
ހައިކޯޓުން އެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރު ކޮށްފައިވާއިރު އަދީބުގެ ބަންދުގެ މުއްދަތު އިތުރު ނުކުރަން ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ބިޝާމް ވިދާޅުވިއެވެ.
ދީބުގެ މައްޗަށް ކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމްތަކުން މިހާރު ވަނީ މިނިވަންވެވަޑައިގެންފައެވެ. ނަމަވެސް ރިޝްވަތު ދިނުމާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި އަދީބުގެ މައްޗަށް، ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 15 ދުވަހުގެ ހުކުމެއް ވަނީ އިއްވާފައެވެ. އެ ހުކުމް ކަރެކްޝަނުން ދަނީ މިހާރު ތަންފީޒު ކުރަމުންނެވެ.
15 ދުވަހުގެ ހުކުމް ތަންފީޒު ކޮށް ނިމޭނީ މި މަހުގެ 13 ވަނަ ދުވަހުގެ ރެއަށެވެ.
މިހާރު އޮތް ގޮތުން މި މަހުގެ 13 ގެ ފަހުން އަދީބު އެއްކޮށް މިނިވަން ވާނެއެވެ. އަދީބު މި ވަގުތު ހުންނެވީ ބަލި ހާލަތުގެ ސަބަބުން ގޭބަންދުގައެވެ.