ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޝަރީއަތް ހިންގުމަށް ހުށައެޅި ހުރިހާ މައްސަލައެއް ނުބަލަން ނިންމައި އެ މައްސަލަތައް އަނބުރާ އެ އޮފީހަށް ކްރިމިނަލް ކޯޓުން ފޮނުވައިފިއެވެ.
ކްރިމިނަލް ކޯޓުން މެއި މަހުގެ 28 ގައި ނިންމި ނިންމުމުގައި ބުނެފައި ވަނީ ނުފޫޒުން އެއްކިބާވެފައިވާ ގޮތަށް ތަހުގީގު ކުރުމަކާ ނުލައި މިހާރު ދައުވާކުރެވިފައިވާ ގޮތުގެ މަތިން އިތުރަށް ކުރިއަށް ގެންދިއުން ގާނޫނީ ހަމަތަކުގެ މަތިން ސައްހަ ވެގެން ނުވާ ކަމަށް އެކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ.
ޕީޖީ އައިޝަތު ބިޝާމް ރާއްޖެއެމްވީއަށް ވިދާޅުވީ އެ އޮފީހުން ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައެޅި 13 މައްސަލަ ނުބަލާ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ދެ ހުކުމެއްގެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން ވަނީ އަމުރު ކޮށްފައެވެ. އެއީ ފިސްތޯލައިގެ މައްސަލައިގައި ކުރި 15 އަހަރުގެ ހުކުމާއި ޚިޔާނާތުގެ މައްސަލައިގައި ކުރި އަށް އަހަރުގެ ހުކުމެވެ. ބިޝާމް ވިދާޅުވީ އެ ދެ މައްސަލަ ވެސް އަނބުރާ އެ އޮފީހަށް ފޮނުވާލާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ވަނީ އަދީބުގެ 15 މައްސަލައެއް އަނބުރާ ޕީޖީއަށް ފޮނުވާލާފައި. އޭގެ ތެރޭގައި ހައިކޯޓުން ބަލަން އަމުރު ކުރި ދެ މައްސަލަ ވެސް ހިމެނޭ. ހައިކޯޓުގެ އަމުރަކަށް ދަށު ކޯޓުން ނުނިންމޭނެ މައްސަލަ ނުބަލަން،"ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް
އަދީބުގެ 15 މައްސަލަ ކްރިމިނަލް ކޯޓުން އަނބުރާ ޕީޖީއަށް ފޮނުވާލާފައި ވަނީ އެ މައްސަލަތަކުގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެއެވެ.
ކްރިމިނަލް ކޯޓުން ޕީޖީއަށް އަނބުރާ ފޮނުވި މައްސަލަތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގާ ގުޅިގެން ނުވަ ރަށެއްގެ ނުވަ ދައުވާ ވެސް ހިމެނެއެވެ. އެ ދައުވާގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ.
ތަފާތު އެކި ދައުވާތަކުގައި އަދީބުގެ މައްޗަށް ދަށު ކޯޓުން 33 އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރިއެވެ. ނަމަވެސް މަތީ ކޯޓުތަކުން މިހާރު ވަނީ އެ ހުކުމްތައް ބާތިލްކޮށްފައެވެ. އަދީބު މި ވަގުތު ހުންނެވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ކުރި 15 ދުވަހުގެ ހުކުމުގައެވެ. ބަލި ހާލަތު ހުރި ގޮތުން އަދީބު ގޭބަންދުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.