ކ. މާލެ
|
1 މާރޗް 2017 | ބުދަ 00:02
މީޑިއާ ކައުންސިލުން އިންޑިއާ ސަފީރާއި ބައްދަލުކުރެއްވުން
މީޑިއާ ކައުންސިލުން އިންޑިއާ ސަފީރާއި ބައްދަލުކުރެއްވުން
ރާއްޖެއެމްވީ
ނޫސްވެރިކަމުގެ ތަމްރީން
ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ
ދިވެހި ނޫސްވެރިންނަށް ފުރުސަތުތައް ބޭނުންވާކަން ވަނީ ފާހަގަކޮށްފައި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުން އިންޑިއާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ އެކު މިއަދު ރަސްމީ ބައްދަލުވުމެއް ބާއްވައި ދިވެހި ނޫސްވެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މާލޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުގައި އަންގާރަދުވަހު މެންދުރު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ސީނިއާ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ.

 

މި ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ގުޅުންތައް ގާއިމްކުރުމުގެ އެތައް ސަތޭކަ އަހަރެއް ކުރިން ފެށިގެން ދެ ގައުމު އޮތީ ގުޅިލާމެހިފައި ކަމަށާއި ދެ ގައުމުގެ މެދުގައި އޮތީ އެއްބައިވަންތަ، އެކުވެރި، އަދި އާއިލީ ގުޅުމެއް ކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް ވީ އެންމެ ފުޅާ ދާއިރާއެއްގައި އަބަދުވެސް އެހީތެރިވެ ހިދުމަތްކުރުމުގައި ދެމި ހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި މީޑިއާ ކައުންސިލުގެ މެމްބަރުން ދެއްކެވި ވާހަކައިގައި ދިވެހި ނޫސްވެރިންނަށް ތައުލީމާއި ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ބޭނުންވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިންޑިއާ އިން ތައުލީމީ ފުރުސަތުތަކުގެ އިތުރުން އިންޑިއާގެ ތަޖުރިބާކާރުން ގެނެސް ރާއްޖޭގައި ތަމްރީން ޕްރޮގްރާމްތައް ހިންގައި އަދި އިންޑިއާގެ މީޑިއާތަކުގައި ދިވެހި ނޫސްވެރިންނަށް ތަޖުރިބާ ހޯދިދާނެ ގޮތްތަކާ މެދު ސަފީރާ އެކު ވަނީ މަޝްވަރާކޮށްފައެވެ.

ނޫސްވެރިންނަށް ތައުލީމާއި ތަމްރީން އަދި ތަޖުރިބާ ހޯދައިދޭން މީޑިއާ ކައުންސިލުން ގެންއުޅޭ ވިސްނުމަށް އިންޑިއާގެ ސަފީރު ވަނީ  މަރުހަބާ ދަންނަވައިފަ އެވެ. އަދި އެކަމަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިކަމަސް އެމްއެމްސީން މައުލޫމާތުދެއެވެ.          

 

މިކަންކަމަށް އަމަލީ ސިފަ ގެނައުމަށްޓަކައި ކުރިއަށް އޮތް ތަނުގައި އިންޑިއާ އެމްބަސީ  އާއި މީޑިއާ ކައުންސިލާ އެކު އިތުރު ބައްދަލުވުންތައް ބޭއްވުމަށް އަންގާރަދުވަހުގެ ބައްދަލުވުމުގައި ވަނީ އެއްބަސްވެފަ އެވެ.

 

 

- ކޮމެންޓް