މިދިޔަ ސަރުކަރުގައި ގޯސްކޮށް ކަންކަން ކޮށްފައި ތިބި ފަރާތްތަކާ ދޭތެރޭ، އެކަންކަން ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ކަނޑިތީމް ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މޯލްޑިވިއަން ޑޮމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ނޫނީ ރައްޔިތުންނަށް އިހުލާސްތެރިކަމާ އެކު މަސައްކަތެއް ކޮށްދޭން ނިކުތް ޕާޓީއެއް މި ރާއްޖެ އިން ނުފެންނާނެ ކަމަށާއި ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިޔުމުން ކަނބޮޑުވާ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.
ތަގުދީރު ނިޔާ ކުރި، ކުރީގެ ސަރުކާރުތަކުން ހިންގި ޖަރީމާތައް ބެލޭނެ ވަރަށް އެމްޑީޕީ އަށް އާދެވިފައިވާ ކަމަށާއި އެމްޑީޕީ އޮތީ ފަހަތަށް ފިޔަވަޅެއް އަޅާ ގޮތަށް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.
މި ސަރުކަރުގައި ތިއްބެވި ބޭފުޅުން ހުރިހާ ކަމެއް ކުރައްވަމުން ގެންދަވަނީ ރަނގަޅަށޭ ދެންނެވެން ނެތް ކަމަށާއި ސަބަބަކީ މިދިޔަ ސަރުކާރުގައި އެތައް ކަންތައްތަކެއް ހިންގަވާފައި ތިއްބެވި ބެފުޅުން މިއަދުވެސް މި ސަރުކަރުގައި އެބަ ތިއްބެވި ކަމަށެވެ. އޭގެ ނަތީޖާތައް ފެނި، ރައްޔިތުން ކަންބޮޑުވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
މި ސަރުކަރުގެ ތެރޭގައި ވެސް ގޯސްހަދާ ނަމަ އެ ބޭފުޅުންނާ ދޭތެރޭގައި ވެސް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އެ ބޭފުޅުނަށް އެއްވެސް މީހަކަށް ބަލަދު ނާރާ ކަމަށާއި ބަލަދު އަރަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކަމަށެވެ.
ޤަވާއިދުތަކާއި އުސޫލްތައް ހަދާފައި ވަނީ އެ އަށް އަމަލުކުރަން ކަމަށާއި އެއިން ބޭރުން ހިޔާނާތުގެ ގޮތުގައި ކުރާ ކަންކަން ކޮންމެ މީހަކު ކުރިކަމުގައިވިޔަސް ބެލެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަމަކަށް ކަމެއް ކުރަން ކުއްލި ކުއްލިއަށް އަވަސްއަރުވާލައިގެން ކުރާ ކަންކަމަކީ އެހާ ރަނގަޅަށް ދާ ކަންތައްތައް ކަމަށް ނުވެދާނެ ކަމަށާއި އެކަންކަން ރަނގަޅު ކުރާއިރު ވަގުތު ބޭނުންވާ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ރާއްޖެއެއް ގޮތުގައި މިރާއްޖެ ބައްޓަން ވެގެންދާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ޝަހީމް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ވެސް ބަދަލު ގެންނަންޖެހޭ ކަމަށާއި މަޖިލީހުން އެކަންކަން ކުރާނެ ކަމަށެވެ.