މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިންނާއި، އޮފިޝަލުން އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފިއެވެ.
ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ސައުދީ އަރަބިއްޔާގައި ތަމްރީންތައް ފުރިހަމަކުރަމުން އަންނަ މާޒިޔާގެ ފުޓުބޯޅަ ޓީމުން އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފައި ވަނީ ހޮނިހިރު ދުވަހުއެވެ.
އެފްއޭއެމުން ހަމަޖައްސަދިން މި ތަމްރީން ދަތުރުގައި މާޒިޔާގެ 19 ކުޅުންތެރިންނާއި، 11 އޮފިޝަލުން ބައިވެރިވާއިރު، އެ ހުރިހާ އެންމެން ވެސް ވަނީ އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާޒިޔާއިން ތަމްރީން ދަތުރަށް ފުރާފައިވާއިރު، އެ ކްލަބުން ދެ ރަހުމަތްތެރިކަމުގެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ ޓީމު ރާއްޖެއަށް އަނބުރާ އައުމަށް ހަމަޖެހިފައިވަނީ މި މަހު 13 ވަނަ ދުވަހުއެވެ.
އެފްއޭއެމުން މާޒިޔާއަށް މި ތަމްރީން ދަތުރު ހަމަޖައްސަދިނީ، މިއަހަރުގެ އޭއެފްސީ ކަޕުން އެޓީމަށް ޖާގަ ގެއްލުމުންނެވެ. އެޓީމުގެ އިތުރުން މާޒިޔާގެ އިތުރުން އޭއެފްސީ ކަޕުން ޖާގަ ގެއްލުނު ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ބޭރު ގައުމެއްގައި ތަމްރީން ހެދުމުގެ ފުރުސަތު އެފްއޭއެމުން ވަނީ ހަމަޖައްސަދީފައެވެ. ނަމަވެސް ޓީސީ ފުރާނީ ޖުލައި މަހު ކަމަށް މައުލޫމާތު ލިބެއެވެ.
ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެންމެ ރަނގަޅަށް ދުރާލާ ތައްޔާރުވާން ފެށި ޓީމަކީ މާޒިޔާއެވެ. އެ ޓީމުން ވަނީ ދާދި ފަހުން އދ. މަހިބަދޫގައި ޕްރީ ސީޒަން ތަމްރީންތަކެއް ވެސް ފުރިހަމަކޮށްފައެވެ.
މާޒިޔާ އިން ވަނީ އެ ޓީމުގެ ކުރީގެ ކޯޗު މެސެޑޯނިއާގެ މަރްޔަން ސެކުލޮސްކީ ގެނައުމުގެ އިތުރުން ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވަރުގަދަ ކުޅުންތެރިންތަކެއް އެ ކްލަބަށް ގެނެސްފައެވެ.
އެގޮތުން ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ނިއު ރޭޑިއަންޓުގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ވެސް އެ ކްލަބުން ވަނީ ގެނެސްފައެވެ. އަދި އެ ކްލަބަށް އަފްޣާނިސްތާނުގެ ގައުމީ ކީޕަރ އަޒީޒީ ވެސް ވަނީ ގެނެސްފައެވެ.