އައްޑޫސިޓީގައި 20 މެގަ ވޮޓްގެ ސެންޓްރަލް ޕަވަރ ގްރިޑެއް ގާއިމް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ އައްޑޫސިޓީގައި 20 މެގަ ވޯޓްގެ ސެންޓްރަލް ޕަވަރ ގްރިޑެއް ގާއިމް ކުރުމަށް ކުރަންޖެހޭ ސާރވޭ ކުރުމަށް ފެނަކައިގެ ޓެކްނިކަލް ޓީމެއް އަންނަ މަހު ތެރޭގައި އެ ސިޓީއަށް ދާނެ ކަމަށެވެ.
އައްޑޫސިޓީގައި ސެންޓްރަލް ޕަވަރގްރިޑް ނިޒާމެއް ގާއިމްވެގެންދާއިރު އެ ސިޓީގައި ވަކިން އޮންނަ ހުޅުދޫ ސަބްމެރިން ކޭބަލްއަކުން ގުޅާލުމަށްޓަކައި، އެކަން ވިލަރެސް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.
"އައްޑޫގައި ސެންޓްރަލް ޕަވަރގްރިޑް ނިޒާމެއް ގާއިމްވެގެންދާއިރު އަޅުގަނޑުމެން މި ވިސްނަނީ ކައިރީގައި އޮތް ހުޅުދޫ އާއިވެސް ސަބްމެރިން ކޭބަލްއަކުން ގުޅާލައިގެން ގެންދެވޭނެ ކަހަލަ ގޮތަކަށް ވިލަރެސް ކުރުން. ދެމެހެއްޓެނެވި ގޮތަކަށް މިކަން ކުރާނަމަ 20 އަދި 30 އަހަރަށް ހިސާބު ޖަހައިގެން ނޫނީ މި ކަމެއް ނުކުރެވޭނެ. މިހާރުން މިހާރަށް ބޭނުންވާ ގޮތަށް މިކަން ކުރީމައި ދެތިން ދުވަހުން ހަތަރު ދުވަހުން އެއް މަސްދުވަސް ތެރޭގައި މައްސަލަތައް ދިމާވެގެން މި އަންނަނީ" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިއީ އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ރަނގަޅު ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
އައްޑޫ ސިޓީގެ ކަރަންޓް ދޭތެރެ ދޭތެރެއިން ކެނޑެމުން އަންނާތީ، އެ ސިޓީގެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ ކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް، އެ ސިޓީގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ.