ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ލިބޭ ގެއްލުމުގެ ޒިންމާ މި ޖީލުން ނަގަންޖެހޭ ކަމަށް ތިމާވެއްޓާއިބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ކެންސަރ ސޮސައިޓީ އާއި ބައިކް މޯލްޑިވްސް ގުޅިގެން "ވޯލްޑް ނޯ ޓޮބޭކޯ ޑޭ 2019" ފާހަގަ ކުރުމަށް ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ބައެއް ދިރާސާތަކުން ދައްކާގޮތުން ދުންފަތުގެ އިސްތިއުމާލް ކުރާ މީހުނަށް ލިބޭ ދަރިންނަށްވެސް ބައެއް ކަހަލަ ނުރަނގަޅު ކަންތައްތައް ވާރުތަ ކުރާ ކަމަށާއި އެހެންކަމުން ތިމާގެ ބުރަކަށިތަކުން އުފެދޭ ދަރިންނަށް ލިބޭ ގެއްމުގެ ޒިންމާ މިޖީލުން ނަގަން ޖެހޭނެ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ކަނޑައެޅިގެން އިންސާނާގެ ސިއްޚަތަށް ގެއްލުން ލިބޭ ކަމެއް ކަމަށާއި މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ދުންފަތުން ލިބޭ ގެއްލުންތަކާއި މެދު މީހުން ހޭލުންތެރިކަން އިތުރުކޮށް އެކަން މީހުނަށް ވިސްނައިދީ އެކަމުގެ ބޭނުންތެރިކަން އަންގައިދީ ހާމަކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ތިމާވެށީގެ ގޮތުންވެސް ސިނގިރޭޓް ބުއީމަކީ ވަރަށް ބޮޑު ގެއްލުންތަކެއް ލިބޭ ކަމެއް ކަމަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ ބީޗް ތަކުން ކުނީގެ ގޮތުގައި ނެގޭ އެއްބާވަތީ ސިނގިރޭޓް ބަޓް ކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވަފައެވެ. އަދި އެއީ ސާފުކުރަންވެސް ވަރަށް އުނދަގޫ އެއްޗެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހަމައެކަނި ސިގިރޭޓް ބުއިމުން ކޮންމެ އަހަރަކު 2.6 މިލިއަން ޓަނު ކާބޮންޑަރ އޮކްސައިޑް ޖައްވުގެ ތެރެއަށް ބޭރުވާ ކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ މަރުވާ މީހުންގެ ތެރެއިން 81 ޕަސެންޓް މީހުން މަރުވަނީ ސީދާގޮތުންނާއި ނުސީދާ ގޮތުން ދުންފަތުގެ އިސްތިއުމާލް ކުރުމާއި ގުޅިގެން ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.