Advertisement
ކ. މާލެ
|
31 މެއި 2019 | ހުކުރު 16:20
ވިއްސާރައިގައި ބައެއް ރަށްރަށަށް ފެން ބޮޑުވުން
ވިއްސާރައިގައި ބައެއް ރަށްރަށަށް ފެން ބޮޑުވުން
އެމްއެންޑީއެފް
ހުޅަނގު މޫސުމުގެ ވިއްސާރަ
ފެންބޮޑުވި ހުރިހާ ރަށެއްވެސް އާންމު ހާލަތަށް ގެނެވިއްޖެ: ޑިޒާސްޓަރ
ފެން ބޮޑުވެފައިވަނީ ތ، ލ، ގއ، ގދ އަތޮޅު އަދި މ އަތޮޅުގެ ރަށްތަކުގައި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވި ރަށްރަށުގެ ފެންގަނޑު ހިންދައި، ރަށް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

Advertisement

ހުކުރު ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެ އޮތޯރިޓީގެ ޗީފް އެގްޒެކިއުޓިވް އޮފިސަރ ހިސާން ހަސަން ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ ތ. އަތޮޅާއި، ލ. އަތޮޅާއި، ގއ. އަތޮޅާއި، ގދ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކުގައި ކަމަށެވެ. އެގޮތުން އެމްއެންޑީއެފާއި، ފުލުހުންގެ އިތުރުން، ދިވެހި ރެޑް ކްރެސެންޓްގެ ވޮލަންޓިޔަރުންނާއި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން އެ ރަށްރަށުގެ ފެން ބޮޑުވުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެ އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކިއުޓިވް އޮފިސަރ އުމަރު ފިކުރީ ވިދާޅުވީ، ފެން ބޮޑުވި އަތޮޅު ތަކުގެ ތެރެއިން 16 ރަށެއްގައި ވަރަށް ބޮޑަށް ފެންބޮޑުވި ކަމަށާއި، އޭގެ ތެރެއިން ހުރިހާ ރަށެއްގައިވެސް ހުކުރު ދުވަހުގެ ހެނދުނާ ހިސާބަށް ފެން ބޮޑުވުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ފެން ހެދިފައި ހުރީ ބައެއް ރަށްރަށުގެ މަގުތަކުގައި ކަމަށާއި، އެ ރަށްރަށުގެ މަގު ތަކުގައި ކޯރު ކެނޑުމަށްފަހު ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އުމަރު ވިދާޅުވިއެވެ.

ހުރިހާ ރަށެއްގައިވެސް ހަމަ ގާތްގަނޑަކަށް އާންމު ހާލަތަކަށް އައިސްފަ އޮތް ކަމަށް އަޅުގަނޑުމެންނަށް އެންމެ ފަހުގެ މައުލޫމާތުން މި އެނގެނީ، އަދިވެސް ފެން ހުރި ރަށެއްގައިވިއްޔާ މިހާރު ހަމަ އެކަނި މަގުތަކުގައި ފެން ހުރިކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ އަދި މަގުތަކުން ފެން ހިންދުމުގެ މަސައްކަތްތައްވެސް ވަރަށް ބާރު ސްޕީޑެއްގައި މިވަގުުތު ހަމަ ކައުންސިލުތަކާ ޕޮލިސް، އެމްއެންޑީއެފްއާ ގުޅިގެން ކުރަމުންދާ ކަމަށް އެންމެ ފަހުގެ މައުލޫމާތު ތަކުން އަޅުގަނޑުމެންނަށް މި އެނގެނީ
އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކިއުޓިވް އުމަރު ފިކުރީ

އުމަރު އިތުރަށް ވިދާޅުވީ، އެންޑީއެމްއޭ އިން މިހާރު ގެންދަނީ ރަށު ކައުންސިލުތަކާ ގުޅިގެން, ގެއްލުން ލިބުނު ތަންތަނުގެ އެސެސްމަންޓް ހަދަމުން ކަމަށާއި، އެސެސްމަންޓް ރިޕޯރޓްތައް ލިބުމުން ގެއްލުންތައް އެ އޮތޯރިޓީން މޮނިޓަރ ކުރާނެ ކަމަށެވެ. އަދި މިހާތަނަށް މީހުން ބަދަލުކުރަން ޖެހިފައިވަނީ 15 ގެއަކުން ކަމަށާއި، އެންޑީއެމްއޭއިން އެ ގެތަކަށް އެހީތެރިކަން ފޯރުކޮށްދީ ގެއްލުންތައް މޮނިޓަރ ކުރަމުންދާ ކަމަށް އުމަރު ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައަށް ސަމާލުވެ، ކުރީބައިގައި ގޭގެއަށް ފެން ނުވަންނާނެހެން ދޮރުމަތީގައި ވެލި ބަސްތާ ޖެހުމާއި، ފެންބޮޑުވެއްޖެ ހާލަތެއްގައި ގެއްލުން ވެދާނެ ފަދަ މުދާތައް ރައްކާކޮށްފައި ބެހެއްޓުމާއި، ކަރަންޓް ސާމާނުތަކަށް ސަމާލުވުމާއި، ދަތުރު ފަތުރުކުރާ ފަރާތްތަކުން ވެސް ސަމާލުވުމަށް އެ އޮތޯރިޓީން އެދިފަައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް