Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 20:30
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) --
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) --
ގޫގުލް
ރައްޔިތުންގެ މަޖިލިސް
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
ރައީސް ވަހީދާއި ރައީސް ޔާމީންގެ އެއްވެސް ރިޔާސީ ބަޔާނަކަށް ޖަވާބު ދީފައެއް ނުވޭ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަހަރު އިއްވި ރިޔާސީ ބަޔާނަށް ޖަވާބު ނުދޭ ގޮތަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީގެ ގްރޫޕުން ނިންމައިފި އެވެ.

 

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހާ ހަވާލާދީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭނެ ކަމަށެވެ.

 

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ، ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެ ކަމަށެވެ.

 

ގާނޫނުއަސާސީގެ 84 ވަނަ މާއްދާއާ ހަވާލާދީ މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ)ގައި ބުނަނީ، ކޮންމެ އަހަރަކުމެ، ރައީސުލްޖުމްހޫރިއްޔާ، ރިޔާސީ ބަޔާން އިއްވަމުން، އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެމްބަރުން ތިބި ޕާޓީތަކުގެ ފަރާތުން (މެޖޯރިޓީ ލީޑަރ، ނުވަތަ މައިނޯރިޓީ ލީޑަރ) އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް، އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި، ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަންވާނެ ކަމަށެވެ.

 

އެގަވާއިދުގައި ބުނާ ގޮތުން ރިޔާސީ ބަޔާނަށް ދޭ ޖަވާބު، ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ދޭންޖެހެއެވެ.

 

މިއަހަރުގެ ރިޔާސީ ބަޔާން އިއްވާފައި ވަނީ މި ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ.

 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށް ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވެރިކަން ކުރެއްވި ދެ އަހަރު ވެސް އިއްވާފައިވާ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ދީފައެއް ނުވެއެވެ. އަދި މަޖިލީހުގައި ވެސް ގިނަ ހަމަނުޖެހުންތަކެއް ހިނގާފައި ވެއެވެ. އޭގެ ފަހުން އިއްވާފައިވާ އެއްވެސް ރިޔާސީ ބަޔާނަކަށް ޖަވާބު ދީފައެއް ނުވެއެވެ.

 

ރިޔާސީ ބަޔާނަށް ޖަވާބު ދޭންޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

 

އެމްޑީޕީން ރަސްމީކޮށް ރިޔާސީ ބަޔާނަށް ޖަވާބު ދީފައި ނުވި ނަމަވެސް، އެޕާޓީގެ މަޖިލިސް މެމްބަރުންނާއި އިސްބޭފުޅުން ވަނީ ރައީސް ޔާމީންގެ ރިޔާސީ ބަޔާނަށް އެކިއެކި ޕޯޑިއަމްތަކާއި މަޖިލީހުގެ ޖަލްސާތަކުގައި ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް