Advertisement
ކ. މާލެ
|
31 މެއި 2019 | ހުކުރު 10:21
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވުން
މިއަދަކީ ދުންފަތަށް އަލްވަދާއު ކިޔާ ދުވަހަކަށް ހެދުމަށް ރައީސް ގޮވާލައްވައިފި
ދުންފަތާއި ދުރުކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް
ޖުލައި 31 އިން ފެށިގެން ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމުގެ ބައި ތަންފީޒުކުރާނެ
ގާނޫނު ތަންފީޒުކުރުމަށް މުއައްސަސާތަކަށް ގޮވާލެއްވި

ދުންފަތުގެ ވަބާއިން ސަލާމަތްވުމަށްޓަކައި މިއަދަކީ ދުންފަތަށް އަލްވަދާއުކިޔާ ދުވަހަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ހުކުރު ދުވަހު ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ޚިތާބުގައި ރައީސް ވިދާޅުވީ، މި އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު، ގެޒެޓްކުރި "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ލޭބަލް ޖެހުމާބެހޭ ޤަވާޢިދު"އަށް މިއަދު ޢަމަލުކުރަން ފެށުމާއެކު، ވަކިން ސިނގިރޭޓާއި، ބިޑި ސުއްޓާ ވިއްކުން މަނާވެފައިވާކަމަށާއި ދުންފަތް ކޮންޓްރޯލްކޮށް ރައްޔިތުން ދުންފަތާއި ދުރުކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް ކަމަށެވެ. އެގޮތުން ވަކި މުއްދަތަކަށްފަހު ދުންފަތުން ލިބޭ ޞިއްޙީ ގެއްލުންތައް ހާމަކޮށްދޭ ފޮޓޯގެ އިންޒާރުތައް ޖަހައިގެން ނޫނީ ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުންވެސް މަނާވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމުގެ ބައި ތަންފީޒުކުރަން ހަމަޖައްސާފައިވާއިރު، އިންޒާރުގެ ފޮޓޯ ނުޖަހައި ހުންނަ ސިނގިރޭޓް ފޮށި ވިއްކުން އަންނަ ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެން މުޅިން މަނާވާނެއެވެ.

Advertisement

މި ހިތާބުގައި ރައީސް ވަނީ މުޖުތަމައުގެ ސަލާމަތާއި މަސްލަހަތަށްޓަކައި ހަދާފައިވާ މިފަދަ ޤާނޫނުތަކާއި ޤަވާއިދުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް ކަމާބެހޭ އިދާރާތަކަށްވެސް ގޮވާލާފައެވެ. އެގޮތުން ފަރުދީ އަދި އިޖްތިމާޢީ ފެންވަރުގައި ދުންފަތުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކުންވެސް މަސައްކަތް ކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

މޭ މަހުގެ 31 އިން ފަށައިގެން ވަކިން ސިނގިރޭޓު ވިއްކުން މަނާކޮށްފައިވާއިރު، އެ ގަވާއިދުގައިވާ ގޮތުން، އެ ގަވައިދުގައިވާ ކަމަކާއި ހިލާފުވެއްޖެ ނަމަ އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި، އޭގެ ޓެކުހާއި، އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ދެ ވަނަ ފަހަރަށް ގަވާއިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5000ރ.، ތިން ވަނަ ފަހަރަށް، 10،000ރ. އަދި ހަތަރު ވަނަ ފަހަރަށް 20،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް