ރާއްޖޭގެ ޖަލުގެ ހާލަތު ދެނެގަތުމަށް އެކުލަވާލާފައިވާ ކޮމިޝަނުން ނެރެފައިވާ ''ޖަލު އޮޑިޓް ރިޕޯޓް 2019'' ގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ އިސްލާހުކުރަން ޖެހޭނެ ކަންކަން ކަމުގައި ބަލައިގަނެ އެކަންކަން އިސްލާހުކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ކުރަމުން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އަންގާރަ ދުވަހު އާއްމު ކުރި ޖަލު ރިޕޯޓްގައި ޖަލުތަކުގައި ހުރި މައްސަލަތަކާއި، ހޯދުނު ހޯދުންތައް ތަފްޞީލްކޮށް ރިޕޯރޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުން ފަދަ ކަންތައްތައް ހިމެނެއެވެ.
އެ ރިޕޯޓަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު އެކުލަވައިލާފައިވާ ރިޕޯޓެކެވެ.
ޖަލު އޮޑިޓް ރިޕޯޓްގައި ހުރި ކަންތައްތައް ރިޔާއަތްކޮށް ހޯމް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ޖަލުގެ ހާލަތު ރަނގަޅުކޮށް ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމަ މިންގަނޑުތަކަށް ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތު ބަދަލުކޮށް، އެކިއެކި ސަބަބުތަކާއި ހުރެ ޖަލުތަކުގައި ބަންދުކުރެވޭ މީހުން އަނބުރާ މުޖުތަމައަށް ނިކުންނައިރު މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ.
ޖަލުގެ ހާލަތު ބެލުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޝަނަކީ ފަންނީ ގޮތުން ގާބިލް ރައްޔިތުން އިތުބާރު ލިބިފައިވާ ކޮމިޝަނެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންތައްތަކަކީ އިސްލާހުކުރަން ޖެހޭ ކަންކަމުގައި ބަލައިގަން އެކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އެކަންކަމާއި ގުޅުންހުރީ ފަރާތްތަކުން އެ މަގަށް އަމާޒު ހިފުމަށާއި، ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
ހޯމް މިނިސްޓްރީން ބުނީ، ޖަލު އޮޑިޓް ރިޕޯޓާ ބެހޭ ގޮތުން ބަޔާނެއް ނެރެފައިވާއިރު އެ ރިޕޯޓް އެކުލަވާލުމަށް އެޗްއާރްސީއެމް އިން ކޮމިޝަން ފޮރ ޕްރިޒަންސް އޯޑިޓްއަށް ފޯރުކޮށްދީފައިވާ މަޢުލޫމާތުތަކަށް ރިޔާޢަތްކުރުމެއް ނެތި، ހަޤީޤަތާ ޚިލާފު މަޢުލޫމާތު ހިމަނައިގެން ނެރެފައިވާ ޒިންމާދާރުކަން ކުޑަ ރިޕޯޓެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓެއް ހެދުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ ހިމެނޭ ވައުދެކެވެ.