ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސްގެ ކަންކަން މިހާރު ވެސް އެ މަސައްކަތްކުރާ އެލައިޑް އިންޝުއަރެންސް ކުންފުންޏާ ހަވާލު ކުރުމަށް މަޖިލީހުގެ އާއްމު ކޮމެޓީން ނިންމައިފި އެވެ.
އަންގާރަ ދުވަހު ބޭއްވި އާއްމު ކޮމެޓީގެ ބައްދަލުވުމުގައި އެކޮމެޓީގެ ކުޑަ ކޮމެޓީން ދިރާސާކޮށް ނިންމާފައިވާ ރިޕޯޓަށް ގިނަ މެމްބަރުން ވަނީ ބަހުސް ކުރައްވާފަ އެވެ. އެންމެ ބޮޑަށް ބަހުސް ކުރައްވާފައިވަނީ މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންސުއަރެންސް ކުރެވޭ ގޮތަށް އެ ޕްރޮޕޯޝަލްގައި ހިމަނާފައި ވާތީ އެވެ. އެލައިޑް އިންޝުއަރެންސް ޕްރޮޕޯޝަލްގައި ވާގޮތުން، މެމްބަރަކު ބޭނުން ނަމަ އެ މެމްބަރުގެ ދޮންދަރިން ވެސް އެ ސްކީމްގެ ދަށުން ހެލްތު އިންޝުއަރ ކޮށްދެވިދާނެ އެވެ. ނަމަވެސް އެއީ އެ ޕްރޮޕޯސަލްގެ ދަށުން ދައުލަތުގެ ބަޖެޓުން އިތުރު ޚަރަދަކާ ނުލަ އެވެ.
އެލައިޑްގެ ޕްރޮޕޯސަލްގައިވާ ގޮތުން މެމްބަރުންގެ 18 އަހަރު ނުވާ ދޮންދަރީންނާއި 18 އަހަރުން މަތީގެ ދޮންދަރީންގެ އިތުރުން މެމްބަރުންގެ 18 އަހަރުން މަތީގެ ދަރިން ވެސް ހެލްތު އިންޝުއަރ ކުރެވިދާނެ އެވެ. ނަމަވެސް އެއީ ޕްރިމިއަމް ދައްކައިގެންނެވެ.
މެމްބަރުން ވަނީ ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސްގެ ދަށުން ފަނޑިޔާރުންގެ މައިންބަފައިން އިންޝުއަރ ކުރެވޭއިރު، މަޖިލިސް މެމްބަރުންގެ މައިންބަފައިންގެ ހެލްތު އިންޝުއަރެންސް މި ސްކީމްގެ ދަށުން ނުކުރެވޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކޮމެޓީގެ މެމްބަރުން ވިދާޅުވީ މެމްބަރުންގެ މައިންބަފައިންގެ ހެލްތް އިންސުއަރެންސް ކުރެވޭނެ ގޮތެއް ހަމަޖައްސާ ދިނުމަށް ގޮވާލާ ކަމަށާއި ގާނޫނުން އެކަން ކުރުމަށް ދަތިތަކެއް ހުރިނަމަ އެގާނޫނު އިސްލާހު ކޮށްގެން ނަމަވެސް މެމްބަރުންގެ މައިންބަފައިންގެ އިންސުއަރެންސް ކަންކަން ހަމަޖައްސާ ދިނުމަށް އެދޭ ކަމަށެވެ.
އެކޮމެޓީގައި ހިމެނިވަޑައިގެންގަންވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ ގާނޫނު އެއްގޮތަށް މެމްބަރުންގެ ދޮންދަރިންގެ ހެލްތް އިންޝުއަރެންސް ކުރެވޭނަމަ މެމްބަރުންގެ މައިންބަފައިންގެ ހެލްތް އިންސުއަރެންސް ނުކުރެވެންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.
އާއްމު ކޮމެޓީން މި ބައްދަލުވުމުގައި ފާސްކޮށްފައިވަނީ މެމްބަރުންގެ ހެލްތް އިންސުއަރެންސް ކުރުމަށް އެލައިޑް އިންޝުއަރެންސާ ހަވާލު ކުރުމަށެވެ. އަދި އެލައިޑްގެ އިސްވެރިންނާ އިތުރަށް މަޝްވަރާކުރުމަށް ވެސް ކޮމެޓީން ނިންމާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ހެލްތު އިންޝުއަރެންސްގެ ހިދްމަތް މިހާތަނަށް ފޯރުކޮށްދީފައި ވަނީ އެލައިޑް އިންޝުއަރެންސް އިންނެވެ. އެލައިޑް އިންޝުއަރެންސްގެ އިތުރުން ޕްރޮޕޯޝަލް ހުށަހަޅާފައިވަނީ މުޅިން އަލަށް ހުށަހެޅި ސޮލަރެލް އިންޝުއަރެންސް ކިޔާ ކުންފުންޏަކުން ނެވެ.
އެ ކޮމެޓީން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި މެމްބަރުން ވަނީ މެމްބަރުންގެ ހެލްތް އިންޝުއަރެންސް ކަންކަން މިހާތަނަށް ގޮސްފައިވާގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާފަ އެވެ. އެލައިޑަށް އެކަށީގެންވާ ހިދުމަތެއް ފޯރުކޮށްދެވިފައި ނުވާކަމަށް ވެސް މެމްބަރުން ވިދާޅުވެފައިވެއެވެ.