Advertisement
ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 22:42
ރައްޔިތުންގެ މަޖިލިސް - މަޖިލީހުގެ ޖަލްސާތައް ފަށާފައިވަނީ އަންގާރަ ދުވަހު
ރައްޔިތުންގެ މަޖިލިސް - މަޖިލީހުގެ ޖަލްސާތައް ފަށާފައިވަނީ އަންގާރަ ދުވަހު
މަޖިލިސް
19 ވަނަ ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އާންމު ރައްޔިތުންގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކަށާއި، ސިޔާސީ ޕާޓީތަކަށް ވެސް ހިޔާލު ހުށެހެޅޭނެ

ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާހްކުރުމުގެ މަސައްކަތަށް 11 މެމްބަރުންގެ ވަގުތީ ކޮމެޓީއެއް ވަނީ ނަގައިފަ އެވެ. އެ ކޮމެޓީގެ މަސައްކަތް 30 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅައި ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

Advertisement

މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްްބަރު އިބްރާހިމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ހިޔާލަށް ހުޅުވާލައިިފައިވާ ކަމަށާއި، ޖޫން މަހުގެ 10 ވަނަ ދުވަހަށް އާންމުގެ ހިޔާލުތައް ބަލައިގަންނާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާންމު ރައްޔިތުންގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކަށާއި، ސިޔާސީ ޕާޓީތަކަށް ވެސް ހިޔާލު ހުށެހެޅޭނެ ކަމަށެވެ.

މިހާރު އަމަލުކުރަމުން ގެންދަނީ މީގެ ނުވަ އަހަރު ކުރިން 17 ވަނަ ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށެވެ. ހަތްދިހަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ 77 ވަނަ ރައްޔިތުންގެ މަޖިލީހުން 2010 ވަނަ އަހަރު މާޗު މަހުގެ ދެ ވަނަ ދުވަހު އެކުލަވާލި ގަވާއިދު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.

މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ނެގި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މުސާއެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ގަވާއިދުގައި ހަދަން ވާނީ ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނެ ގޮތަށް އަދި އެބައި މީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނެ ދިމިގްރާތީ އުސޫލުތައް އެކުލެވޭނެ އަދި ޖަވާބުދާރީވާ، ހާމަކަން ބޮޑު ގޮތަކަށް މަޖިލިސް ހިންގުމަށް ބޭނުންވާނެ އުސޫލުތަކުގެ މައްޗަށެވެ. މަޖިލީހުން ހަދާ ގަވާއިދުގައި މެމްބަރުންގެ ސުލޫކީ މިންގަނޑުތަކާއި ހާޒިރީއާ ގުޅޭ އުސޫލުތައް ހިމެނިދާނެ ކަމަށާއި މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވެއްޖެ ނަމަ، މެމްބަރެއްގެ މުސާރަ އާއި އިނާޔަތްތައް ކެނޑޭނެ ގޮތްތައް ވެސް ކަނޑައެޅިދާނެ ކަމަށް ގާނޫނުއަސާސީގެ 88 ވަނަ މާއްދާގައި ބުނެފައި ވެއެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމިދިޔައިރު ވެސް، އެ މަޖިލީހުގެ ގަވާއިދު ހަދާފައި ނުވެއެވެ. އެ މަޖިލީހުން އަމަލު ކުރީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ބައެއް އިސްލާހުތަކެއް ގެނެސްގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް