ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައި ވާކަމަށް އެސިޓީގެ ކައުންސިލް މެންބަރު އަލީ ފަހުމީ އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވި އައްޑޫ ސީޓީއަށް ހުއްޓުމެން ނެތި ބޯކޮށް ވާރޭ ފެހެން ފަށާފައި ވަނީ ބުދަ ދުވަހުގެ މެންދުރު 11 ޖަހާކަން ހާއިރު ކަމަށެވެ. އަދި އެއިރުން ފެށިގެން ދޭތެދޭތެރެއިން ބޯކޮށް ވާރޭ ވެހެމުން ދާކަމަށެވެ. އަދި ބައެއް ގޭގެއަށް ފެން ވަންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ބުދަ ދުވަހުގެ ރޭ ލ. މާމެންދޫގައި ފެންބޮޑުވެ ފަސް ވަރަކަށް ގެއަކަށް ފެން ވަދެފައި ވާއިރު ފުލުހުންނާއި އެރަށުގެ ކައުންސިލް އިން ގުޅިގެން ފެން ވަދެފައިވާ ގެތަކުގެ ދޮރުމަތީގައި ވެލިބަސްތާ ޖަހައިދީ އެރަށުގެ ރައްޔިތުންގެ މުދާ ސަލާމަތް ކޮށްދިނުމުގައި އެހީތެރި ވަމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެރަށުގެ އިންޖީނުގެއަށް ފެން ވަނަ ނުދިނުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވެސް ފުލުހުން ބުނެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ފެން ބޮޑުވެ، މުދަލަށާއި ތަކެއްޗަށް ގެއްލުން ވަމުން ދާކަން ފާހަގަ ކޮށްލެވެއެވެ.
މެޓް އޮފިހުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެއެވެ.