އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާގެ ގޮތުގައި ހުންނެވި ހާމިދު ފަތުހުﷲ ވަޒީފާ އިން ވަކިކޮށްފިއެވެ.
އިމިގްރޭޝަންގެ އެދުމުގެ މަތިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހަށް ހާމިދު ސަސްޕެންޑްކުރިއެވެ. އަދި ހާމިދާ އެކު ސަސްޕެންޑް ކުރި އެސިސްޓެންޓް ކޮންޓްރޯލާ އަބްދުﷲ ވަހީދުގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހާމިދު ވަޒީފާއިން ވަކިކުރީ މެއި 16 ވަނަ ދުވަހުއެވެ.
ހާމިދު ސަސްޕެންޑް ކުރި ސަބަބާއި، ވަޒީފާއިން ވަކިކުރި ސަބަބު ސީއެސްސީ އިން ވެސް އަދި އިމިގްރޭޝަނަކުން ވެސް ހާމައެއް ނުކުރެ އެވެ. ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރީ އިމިގްރޭޝަނަށް މިހާރު ގެންނަމުން އަންނަ ބަދަލުތަކަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
ސީއެސްސީއިން ވަނީ ހާމިދުގެ ބަދަލުގައި އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާގެ މަގާމަށް އެތަނުގެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު މޫސާ ރަމީޒު އައްޔަން ކޮށްފަ އެވެ.
އިމިގްރޭޝަނުގެ ތަހުގީގެއް ސީއެސްސީއިން ފަށާފައި ވަނީ އެ އިދާރާގެ އެދުމުގެ މަތިންނެވެ. އިމިގްރޭޝަންގެ ކޮންޓްރޯލަރކަމާ ހަވާލުވެވަޑައިގެން މީޑިއާއަށް ދެއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ހަނަފީ ވިދާޅުވެފައި ވަނީ މިދިޔަ ސަރުކާރުގައ ކަންކަން ކުރެވިފައި ހުރީ އެންމެ އެކަށީގެންވާ އުސޫލުގެ ތެރެއިން ނޫން ކަމަށާއި އުސޫލެއް އޮތް ކަމުގައި ވިޔަސް އުސޫލަށް ބެލުމެއް ނެތި ކަންކަން ހިނގާފައިވާ ކަމަށެވެ. އިމިގްރޭޝަނަށް ދިމާވެފައިވާ ގޮންޖެހުންތައް އޮޅުން ފިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެ އަށް ބިދޭސީން އެތެރެކުރުމުގައި ބޮޑެތި ކޮރަޕްޝަންތަކެއް ހިމެނޭ ކަމަށް މީގެ ކުރިން ވެސް ވަނީ ތުހުމަތުކުރެވިފައެވެ. އަދި އިމިގްރޭޝަންގެ ބައެއ އޮފިޝަލުން މި ކަމުގައި ސާމިލްވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.