Advertisement
ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 18:52
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއން
މަޖިލިސް
19 ވަނަ ރައްޔިތުންގެ މަޖިލީސް
ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލްގެ މަސައްކަތް ހޯމަ ދުވަހަށް!
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލްގެ މަސައްކަތްވެސް ވަނީ އެޖެންޑާކޮށްފައި
ރައީސް ސޯލިހް ތަސްދީޤް ނުކުރައްވާ އަނބުރާ ފޮނުވާލެއްވި ދެ ބިލެއްގެ މަސައްކަތް ވެސް ހޯމަ ދުވަހަށް
މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަންކުރުން ވެސް ހޯމަ ދުވަހު

ސަރުކާރުގެ ފަރާތުން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް، އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެޖެންޑާކޮށްފި އެވެ.

އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފައިވާ އިރު، އެޖެންޑާގައި މަޖިލީހަށް އަލަށް ތައަރަފްކުރާ ބިލްތަކުގެ ގޮތުގައި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ވަނީ ހިމަނާފަ އެވެ. 19 ވަނަ ރައްޔިތުންގެ މަޖިލިހަށް ވެސް އެ ބިލް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަނީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިންނެވެ.

އޭގެ އިތުރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންދިޔަ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލްގެ ވެސް މަޖިލީހަށް ހުށަހެޅުމަށް ވަނީ އެޖެންޑާކޮށްފަ އެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް އެ ބިލް ހުށަހަޅުއްވަނީ ކުރިން ވެސް މަޖިލީހަށް ބިލް ހުށަހެޅުއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔަޒް ފަހުމީ އެވެ.

އެ ބިލް ވެސް އަލުން މަޖިލީހަށް ހުށަހަޅަންޖެހެނީ 18 ވަނަ ރައްޔިތުންގެ މަޖިލީސް ނިމުނުއިރު، އެ މަޖިލީހުން އެ ބިލްތައް ފާސްނުކޮށް އޮތުމުންނެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ބިލަކަށް މަޖިލީހުގައި ކިތަންމެ މަސައްކަތްތަކެއް ކޮށްފައި އޮތް ނަމަވެސް ދައުރު ނިމޭއިރު އެ ބިލެއް ފާސްނުކޮށް އޮވެއްޖެ ނަމަ ކުރި ހުރިހާ މަސައްކަތްތަކެއް ބާތިލްވާނެ އެވެ. އަދި އައު މަޖިލީހާ އެކުގައި ޖެހެނީ އެ ބިލެއް އަލުން ހުށަހެޅުމަށެވެ.

Advertisement

އެ ދެ ބިލްގެ އިތުރުން ހޯމަ ދުވަހުގެ ޖަލްސާ އަށް ވަނީ ޖަލުތަކުގެ ހާލަތު ދިރާސާކުރި ކޮމިޝަންގެ ރިޕޯޓް ވެސް ހުށަހަޅުމަށް އެޖެންޑާކޮށްފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީޤްނުކޮށް އަނބުރާ ފޮނުވާލެއްވި ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލާއި، ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތްތައް ވެސް ވަނީ ތާވަލްކޮށްފަ އެވެ.

އޭގެ އިތުރުން ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަނުކުރުމުގެ މަސައްކަތްތާއި، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ 5 މެމްބަރުން ކަނޑައެޅުމުގެ މަސައްކަތް ވެސް ވަނީ ހޯމަ ދުވަހުގެ ޖަލްސާއަށް ތާވަލްކޮށްފަ އެވެ.

ހޯމް ދުވަހުގެ ޖަލްސާއަކީ އައު މަޖިލީހުގެ ދެ ވަނަ ޖަލްސާ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް