Advertisement
ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 16:04
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ޝުއައިބް މުހައްމަދު އިގްބާލް
ކަރެކްޝަނަލް ސަރވިސް
ކޯޓުގެ ހުރުމަތް ކަނޑާލައިގެން އަދީބަށް ކުރި ހުކުމް ކަރެކްޝަނަށް ލިބިފައެއް ނުވޭ!
ކޯޓު މެދުވެރިކޮށް އެއީ ކިހިނެތް ހިނގާފައިވާ ކަމެއްތޯ ކަރެކްޝަނުން ދަނީ ބަލަމުން

ކޯޓު ހުރުމަތް ކަނޑާލައިގެން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ކުރި 15 ދުވަހުގެ ޖަލު ހުކުމް ކަރެކްޝަނަލް ސަރވިސަށް ލިބިފައި ނުވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކޯޓުގެ ހުރުމަތް ކަނޑާލިކަމަށް ބުނެ އަދީބްގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ ރިޝްވަތު ދިން ކަމަށް ބުނެ އަދީބުގެ މައްޗަށް ކުރި ދައުވާއަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީގެ އަމުރަކަށް ތަބާ ނުވެގެންކަމަށް ބުނެއެވެ.

އެކި މައްސަލަތަކުގައި އަދީބަށް ކުރި 33 އަހަރުގެ ހުކުމްތައް ބާތިލްކޮށްފައިވަނީ މިމަހުގެ ތެރޭގައެވެ. އޭގެތެރެއިން ޚިޔާނާތުގެ މައްސަލާގައި އިއްވި އަށް އަހަަރުގެ ހުކުމް ހައިކޯޓުން ބުރާސްފަތި ދުވަހު ވަނީ ބާތިލް ކޮށްފައެވެ.

33 އަހަރުގެ ހުކުމްތައް ބާތިލް ކޮށްފައިވާއިރު ކުރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމް އޮތެވެ. ކަރެކްޝަނަލް ސަރވިސް އިން އަމަލު ކުރަމުން އަންނަ ގޮތްތަކަށް ބަލާއިރު ގިނަ ހުކުމްތަކެއް އެމީހަކު ތަންފީޒު ކުރަން ޖެހޭނަމަ އެންމެ ފުރަތަމަ ތަންފީޒުކުރަން ފަށަނީ އެންމެ ބޮޑު ހުކުމެވެ.

Advertisement

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އަޮފިޝަލް، އަހުމަދު ނަސީމް ވިދާޅުވީ އަދީބަށް ކުރި 15 ދުވަހުގެ ހުކުމް އެކޮމިޝަނަށް ލިބިފައި ނުވާކަމަށާއި ކޯޓު މެދުވެރިކޮށް އެއީ ކިހިނެތް ހިނގާފައިވާ ކަމެއްތޯ ބަލަމުންދާކަމަށެވެ.

ލޯންޗުކޮޅުގެ މައްސަލާގައި ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށް އެމައްސަލަ ވެސް އަލުން ބެލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައެޅުމަށް 15 ދުވަހުގެ މުހުލަތެއްދީ 15 ދުވަހަށް އަދީބު ރިމާންޑް ޖަލެއްގައި ބަހައްޓަން ހައިކޯޓުން އަމުރު ކުރިއެވެ. އޭގެ މުއްދަތު ހަމަވާން ދެން އޮތީ ފަސް ދުވަހެވެ. އެ 15 ދުވަސް ހަމަވުމުން ބަންދު އިތުރު ކުރަން ބޭނުންނަމަ އެކަމަށް ދައުލަތުން ކުރިމިނަލް ކޯޓަށް ހުށަހަޅަން ވާނެ ކަމަށް ވެސް ހައިކޯޓުން އަންގާފައިވެއެވެ.

އަދީބުގެ ސިއްހީ ހާލަތައް ބަލައި ގޭބަންދުގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވުމާއި ގުޅިގެން އަދީބު މިވަގުތު ހުންނެވީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ގޭ ބަންދުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް