ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 14:35
ފިލިޕޭ ކުޓީނިއޯ
ފިލިޕޭ ކުޓީނިއޯ
ގެޓީ އިމޭޖަސް
ފިލިޕޭ ކުޓީނިއޯ
ކުޓީނިއޯ ހޯދުމުގެ ރޭހުގައި ޕީއެސްޖީ، ޗެލްސީ އަދި ޔުނައިޓެޑު
ކުޓީނިއޯގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ ފިލިޕޭ ކުޓީނިއޯ ހޯދުމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ ނޫސްތަކުން ބުނީ، ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ޕީއެސްޖީ އާއި ޗެލްސީ އަދި ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭނާ މި ސީޒަނަށް ފަހު ބާސާ ދޫކޮށްލާނެ ކަމަށެވެ.

ދާދި ފަހުން ގޯލްޑޮޓްކޮމްއިން ބުނީ، ޗެލްސީއަށް ކުޅެމުން އަންނަ އެޑެން ހަޒާޑްގެ ރިޕްލޭސްމެންޓަކަށް ކުޓީނިއޯ ގެންނަން އެ ކްލަބުން ބޭނުންވާ ކަމަށާއި، ބާސާއިންވެސް ބޭނުންވަނީ ކުޓީނިއޯ ވިއްކާލަން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސާއިން ކުޓީނިއޯ ވިއްކާލަން ބޭނުންވާ ނަމަވެސް، ކުޓީނިއޯ ބާސާ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ.

ނަމަވެސް ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ވިދާޅުވީ، ކުޓީނިއޯއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، އޭނާގެ ހުނަރު ކުރިޔަށް އޮތް ތަނުގައި ވެސް ކްލަބަށް ބޭނުންވާނެ ކަމަށެވެ.

ކުޓީނިއޯއާ އެކު ބާސާ އިން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ބާސާ އިން ކަނޑައަޅާފައި ވަނީ 400 މިލިއަން ޔޫރޯއެވެ.

ލިވަޕޫލް އިން ވިދާލި ކުޓީނިއޯ ވަނީ އެ ކްލަބަށް ކުޅުނު 201 މެޗުގައި 54 ލަނޑު ކާމިޔާބު ކުރުމުގެ އިތުރުން އެ ކްލަބާ އެކު ފުޓްބޯލް ލީގް ކަޕް އަދި ޔޫރޮޕާ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ބާސާ އަށް މިހާތަނަށް ކުޅުނު ދެ ސީޒަނުގައި 75 މެޗުގައި 21 ލަނޑު ކާމިޔާބު ކޮށްފައިވާ ކުޓީނިއޯ ވަނީ އެ ކްލަބާ އެކު ލަލީގާ އާއި ސްޕެނިޝް ސުޕާކަޕް އަދި ކޮޕާޑެލްރޭ ވެސް ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 47 މެޗުގައި 13 ލަނޑު ކާމިޔާބު ކޮށްފައިވާ ކުޓީނިއޯ ވަނީ ބްރެޒިލްގެ 17 އަހަރުން ދަށުގެ ޓީމާއެކު ސައުތް އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕް އަދި 20 އަހަރުން ދަށުގެ ޓީމާ އެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް