Advertisement
ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 12:21
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ވަދެވަޑައިގަންނަވަނީ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ވަދެވަޑައިގަންނަވަނީ
ހައިކޯޓު
އަދީބަށް ކުރި ޚިޔާނާތު ހުކުމް ވެސް ބާތިލް ކޮށްފި
ޚިޔާނާތްތެރި ވެގެންކަމަށް ބުނެ އަދީބަށް ކޮށްފައިވަނީ އަށް އަހަރުގެ ހުކުމެއް
އަދީބުގެ މައްޗަށް 33 އަހަރުގެ ހުކުމް އިއްވި
މިމަހުގެ ތެރޭގައި އެ ތިން މައްސަލަ ވެސް ވަނީ ބާތިލް ކޮށްފައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކޮށްފައިވާ ޚިޔާނާތުގެ އަށް އަހަރުގެ ހުކުމް ވެސް ބާތިލް ކޮށްފިއެވެ.

އަދީބަށް ކުރި ޚިޔާނާތުގެ ހުކުމް ބާތިލް ކޮށްފައިވަނީ ބުރާސްފަތި ދުވަހު ހައިކޯޓުގައި އިސްތިއުނާފުގެ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

އެހުކުމަކީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީއިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކުންފުނިން އެމްއެމްޕީއާރުސީއަށް ދިން ފަސް މިލިޔަން ޑޮލަރަށް (77 މިލިއަން ރުފިޔާ) ޚިޔާނާތްތެރިވި މައްސަލައިގައި އިއްވާފައިވާ އަށް އަހަރުގެ ހުކުމެވެ.

އެ ހުކުމުގައި ބުނެފައި ވަނީ އަދީބަށް ކުރި ހުކުމް ބާތިލްކޮށް އެމައްސަލައިގެ ޝަރީއަތަށް ގޮތް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށް ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާގުވެލައްވާ ކަމަށެވެ.

ހައިކޯޓުގެ އަމުރުގައި ބުނެފައިވަނީ ދަޢުވާއުފުލާ ފަރާތަށާއި ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއާތުތަކާ ޚިލާފަށްކޮށްފައިވާ ޙުކުމް ތަކުގެ މައްޗަށް ކޮށްފައިވާ ހުކުމެއް ކަމަށާއި ދަޢުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއާތުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމް ތަކުގެ މައްޗަށް ބެލެނި ވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަ ލަތަކަށް ރިޢާޔަތްކޮށް ބަލާފައިވާ މައްސަލައެއްކަމަށް ބެލެވެން އޮންނަކަމަށެވެ. އެހެންކަމުން ދަޢުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި ގެން ހިންގާފައިވާ ޝަރީޢަތެއްކަމަށް ވުމުގެ އިޙުތިމާލު އޮތުމުން ގާނޫނީ ހަމަތަކުގެ މަތިން އަލުން ބަލައި ޝަރީޢަތުގެ ފަރާތުން ގޮތް ކަނޑައަޅަންޖެހޭ މައްސަލަތަކުގެ ތެރޭގައި މިމައްސަލަ ހިމެނިގެންވާކަން އެގެން އޮންނަކަމަށް ހައިކޯޓުގެ ނިންމުމުގައި ވެއެވެ.

Advertisement

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސައިން ޒަކަރިއްޔާގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ހުސައިން ޒަކަރިއްޔާގެ ރައުޔަކީ އަދީބާއި މިމައްސަލައިގައި ހުކުމް ކޮށްފައިވާ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި ހާމިދު އިސްމާއިލަށް ކުރި ހުކުމް އެކޯޓުން ދަމަހައްޓާފައި ވާކަމަށާއި އެހެން ކަމުން އެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭކަމަށެވެ.

ނަމަވެސް އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަންގާ ކަމަށެވެ. މި ހުކުމާއެކު އަދީބުގެ މައްޗަށް ކުރި 33 އަހަރުގެ ހުކުމް ބާތިލް ވީއެވެ.

އެކަމަކު ކުރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމެއް އަދި އެބަ އޮތެވެ. ކޯޓުތަކުން އަމަލު ކުރަމުން އަންނަ ގޮތްތަކަށް ބަލާއިރު ގިނަ ހުކުމްތަކެއް އެމީހަކު ތަންފީޒު ކުރަން ޖެހޭނަމަ އެންމެ ފުރަތަމަ ތަންފީޒުކުރަން ފަށަނީ އެންމެ ބޮޑު ހުކުމެވެ. އެހެންކަމަށްވާނަމަ އެފަނަރަ ދުވަހުގެ ހުކުމް ފަށާނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

އެކަމަކު އަދީބުގެ ވަކީލު އިސްމާއިލް އަހުމަދު ވިދާޅުވީ ބާތިލް ކުރި ހުކުމްތަކާއެކު 15 ދުވަހުގެ ހުކުމް ވެސް ބާތިލް ވާނެކަމަށެވެ. އެއީ ކުރިން ކުރި ހުކުމްތަކުގެ ގާތްގަނޑަކަށް ތިން އަހަރެއްހާ ދުވަސް ތަންފީޒު ކޮށްފައިވާތީ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުންލޯންޗު ކޮޅުގެ މައްސަލާގައި އަދީބުގެ ހުކުމް ހައިކޯޓުން ބާތިލްކޮށް އެމައްސަލަ ވެސް އަލުން ބެލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައެޅުމަށް 15 ދުވަހުގެ މުހުލަތެއްދީ 15 ދުވަހަށް އަދީބު ބަންދުގައި ބަހައްޓަން ހައިކޯޓުން އަމުރު ކުރިއެވެ. އޭގެ މުއްދަތު ހަމަވާން ދެން އޮތީ ފަސް ދުވަހެވެ. ވަކީލު އިސްމާއިލް އަހުމަދު ވިދާޅުވީ އޭގެ މުއްދަތު ހަމަވުމާއެކު އަދީބު އެއްކޮށް މިނިވަންވާނެކަމަށެވެ. އެމައްސަލަ އަދި ކްރިމިނަލް ކޯޓަކަށް ހުށައަޅާފައެއް ނުވެއެވެ.

"އެމައްސަލައިގައި ކްރިމިނަލް ކޯޓުން ބަލަމުންދާ ދުވަސްތަކުގެ ތެރޭގައި އަދީބު ހުންނަން ވާނީ ބަންދުކޮށްފައި ކަމާއި އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށައެޅި ބަލަމުންދާ ފަނޑިޔާރު އަދީބުގެ ބަންދާއިމެދު ގޮތެއް ނިންމަންޖެހޭނެކަމަށް. އެހެން ނަމަވެސް އަޅުގަނޑު ފާހަގަ ކޮށްލަން ޖެހެނީ މިއަދުގެ މިތާރީޚުގައި މިވަގުތާއި ހަމައަށް ކްރިމިނަލް ކޯޓަކަށް އެމައްސަލަ ހުށައަޅާފައި ނެތްކަން" އިސްމާއިލް ވިދާޅުވިއެވެ.

އަދީބަށް ކުރި 33 އަހަރުގެ ޖަލު ހުކުމްގެ ތެރެއިން ފިސްތޯލު ގެންގުޅުނު މައްސަލާގައި ކުރި 10 ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ފިނިފެންމާ ލޯންޗްކޮޅުގެ މައްސަލައިގައި އަދީބަށް ކުރި 15 އަހަރުގެ ހުކުމް ބާތިލް ކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

އަދީބު އަދިވެސް ހުންނެވީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ގޭ ބަންދުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް