ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 09:12
ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު
ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު
ރާއްޖެއެމްވީ
ފަލަސުރުހީ
ރައްޔިތުން ގަބޫލުކުރާ މިންވަރަށް ޖަލުގެ ހާލަތު ބަދަލުކުރާނަން: ސްޓޭޓް މިނިސްޓަރު ނަޒީރު
އިންސާނީ ހައްގުގެ ހާލަތު އޮތީ ނިކަމެތި ހިސާބެއްގައި
އިސްލާހުތައް ގެނެވޭނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން
ޖަލުގެ ހާލަތު އެހައި ދަށު ދަރަޖައަށްވެއްޓުމުގައި އެންމެންގެ އިހުމާލު އެބައޮތް

ރާއްޖޭގެ ޖަލުގެ ހާލަތަށް ބަދަލެއް އައިސްފައިވާކަން ރައްޔިތުން ގަބޫލުކުރާ މިންވަރަށް ހާލަތު ބަދަލުކުރާނެ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި ސްޓޭޓް މިނިސްޓަރު ނަޒީރު ވިދާޅުވީ ޖަލުގެ ބޮޑެތި މައްސަލަތައް ހުރި ވާހަކައަކީ މިއަދު ދައްކާ ވާހަކައެއް ނޫން ކަމަށާއި، ރާއްޖޭގެ އިންސާނީ ހައްގުގެ ހާލަތު އޮތީ ނިކަމެތި ހިސާބެއް ކަމަށެވެ.

ނަޒީރު ވިދާޅުވީ ޖަލުތަކުގެ ހާލަތު ދެނެގަތުމަކީ ރައީސް ސޯލިހު ރިޔާސީ ވައުދުފުޅެއް ކަމަށާއި، ޖަލުތަކުގެ އޮޑިޓެއް ހެދުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ޖަލުގެ ހާލަތު ވަރަށް ސާފުކޮށް ބަޔާންކޮށްދިނުން ކަމަށެވެ. ނަޒީރު ވިދާޅުވީ ރައްޔިތުންނަށް ޖަލުގެ ހާލަތު އެނގި އާންމު ރައްޔިތުންގެ މެދުގައި ބަހުސް ކުރެވި ރައްޔިތުން އެދޭ ފަދަ ގޮތަކަށް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެކަށީގެންވާ ގޮތަކަށް ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބަދަލުވާން ޖެހޭ ކަމަށެވެ. އަދި ޖަލަށް ގެންނަން ބޭނުންވާ އިސްލާހުތައް ގެނެވޭނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

މުޖުމަތައުގެ އެތިކަލް މޯރަލް ވެލިއުލްސް ދައްކާދޭ ގޮތަކީ ބަންދު ކުރެވިފައި ހައްގުތަކުން މަހުރޫމް ކުރެވިފައި ތިބޭ މީހުންނާ މެދުގައި އަމަލު ކުރެވޭ ގޮތް. އަޅުގަނޑުމެން އެމިންގަނޑު ބަލާކަމަށްވާނަމަ ދިވެހިރާއްޖެ އޮތީ ވަރަށް ނިކަމެތި ހިސާބެއްގައި. ތިނަ ވަނަ ދުނިޔޭގެ ނިކަމެތި ގައުމުތައް ސަރަހައްދީ ބައެއް ގައުމުތައް ކަންހިނގާ ގޮތާ އަޅުގަނޑުމެނާ އަޅާކިޔާ އެއްޗެއް ނޫން މިރާއްޖޭއަކީ ވަސީލަތް ގޮތުން ރާއްޖޭގެ ދިރިއުޅުމުގެ މިންގަނޑުގެ ގޮތުން އަވަށްޓެރި އެހެން ގައުމުތަކާ ސަރަހައްދީ އެހެން ގައުމުތަކާ އެއް ހަމައެއްގަ އޮތް ގައުމެއް ނޫން. ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ މަސައްކަތް ކުރަނީ މިފަސް އަހަރުގެ ތެރޭގައި ޖަލުގެ ހާލަތު އެކަށީގެންވާ މިންވަރަށް ބަދަލުކުރަން ކަމަށާއި، ދިވެހި ރައްޔިތުން ޖަލުގެ ހާލަތު ބަދަލެއް އައިސްކަމަށް ގަބޫލުކުރާ މިންވަރަށް ހާލަތު ބަދަލުކުރާނެ ކަމަށެވެ.

ރިޕޯޓަށް އިޝާރާތް ކުރައްވާ ނަޒީރު ވިދާޅުވީ ވަރަށް ގިނަ ކަންކަން އިސްލާހުކުރަން ހުށަހަޅާފައިވާ ކަމަށާއި، ގާތްގަނޑަކަށް 270އަށް ވުރެ ގިނަ ހުށަހެޅުން ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ހުށަހެޅުއްތަކަކީ ހާލަތު އޮތްގޮތް ބަޔާން ކުރެއްވުމަށް ފަހު މިހާލަތު ބަދަލުކުރަން ނުސީދާ ގޮތުން ހުށަހަޅުއްވާފައިވާ ހުށަހެޅުންތައް ކަމަށާއި، އަނެއްބައި ކަންކަމަކީ އިތުރަށް ތަހުގީގުކޮށް އެކަންކަމުގެ ހަގީގަތް ދެނެގަތުމަށް ލަފާ އަރުވާފަ ހުރި ކަންކަން ކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި މިސާލަކަށް ކޮރަޕްޝަންގެ ތުހުމަތުތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިމަސައްކަތުގެ ތެރެއިން ފާހަގަކުރެއްވިއްޖެ ލައްކަ ކަންކަން. ރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނީ ނިޒާމުގެ ތެރެއިން ރާއްޖޭގެ ލީގަލް ފްރޭމް ވޯކް އަޅާ ބަލާފަ އަދި ރާއްޖެ ބައިވެރިވެފައިވާ އަނިޔާ ކުރުން މަނާ ކުރާ މުއާހަދާތަކާ އދ. މަންޑޭލާ ރޫލްސްއާ މިހުރިހާ ކަމަކަށް އަޅާބަލާއިރު އަޅުގަނޑުމެންގެ ހާލަތު ދަށްކަން އެނގިގެންދޭ. އޭގަ ހުރި ގިނަކަންކަން ފުރިހަމަ ކުރަން ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިއްޖެ. ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ ގާނޫނީ އޮނިގަނޑަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށާއި، ގާނޫނު އަސާސީއާ ތައާރަޒްވާ ގޮތަށް ބައެއް ގާނޫނުތަކުގަ ހުރި ކަންކަން ފާހަގަކޮށްފައި އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް ގަވާއިދުގަ ހުރި ކަންކަމާއި އަމަލުކުރަމުންދާ އުސޫލުތަކުގަ އެފަދަ ކަންކަން ހުރި ކަން ފާހަގަކުރައްވާފައި އެބަހުރި ކަމަށެވެ. އެއީ ގާތްގަނޑަކަށް 60 ވަރަކަށް ހުށަހެޅުން ހިމެނޭ ކަމަށް ނަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޒީރު ވިދާޅުވީ ޖަލުގެ މިހާރުގެ ހާލަތު ބަދަލުކުރުމަށް މާލީ ގޮތުން ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމާއި، ސިއްހީ ނިޒާމު ވެސް ހަރުދަނާ ކުރަން ޖެހޭ ކަމަށް ނަޒީރު ވިދާޅުވިއެވެ.

ރިޕޯޓުގައި ހިމެނޭ ކަންކަން އެޗްއާރްސީއެމުން ދޮގުކޮށްފައިވާތީ އެކަން ފާހަގަކޮށް ނަޒީރު ވިދާޅުވީ ދޮގު ވާހަކަތައް ކަމަށް ވިދާޅުވާނަމަ އެއީ ކޮން ވާހަކައެއްކަން ސާފުކޮށްދޭންޖެހޭ ކަމަށެވެ. ނަޒީރު ވިދާޅުވީ ބައެއް މުއައްސަސާތަކުގެ ނަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށާއި، އެކަންކަން އެއުސޫލުން ފާހަގަކުރައްވައިގެން ނޫން ގޮތަކަށް މިރާއްޖޭގައި ހުރި ކަންކަން ހައްލެއް ނުވާނެ ކަމަށެވެ.

ޖަލުތަކުގެ ހާލަތު ވަޒަން ކުރުމަށްޓަކައި މިނިސްޓަރ އޮފް ހޯމް އެފެއަޒް އެކުލަވާލި ކޮމިޝަންއަކީ ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވާލި ކޮމިޝަނެއް. ކޮމިޝަންގައި ތިއްބެވީ އެމަސައްކަތަށް އެންމެ ގާބިލް ބޭފުޅުން އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެޗްއާރްސީއެމްގެ ކުރީގެ މެމްބަރެއް. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެރިޕޯޓު އެކުލަވާލި ވަގުތު އެޗްއާރްސީއެމްގެ ފަންނީ މުވައްޒަފެއް. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެޗްއާރްސީއެމްގައި ކުރީގަ ކުރެއްވި ފަންނީ އިސްބޭފުޅެއް. ގާނޫނީ ދާއިރާގެ ބޭފުޅުންނާއި، ސިއްހީ ދާއިރާ، މެނޭޖްމެންޓް ދާއިރާގެ ބޭފުޅުން.ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ ޖަލު ރިޕޯޓަކީ މައްސަލަތައް ހައްލުކުރުމަށް އެކުލަވާލި ރިޕޯޓެއް ކަމަށާއި، އެއީ ވަކި މުއައްސަސާއެއް ކުށްވެރިކުރުމަށް އެކުލަވާލި ރިޕޯޓެއް ނޫން ކަމަށެވެ. އަދި ޖަލުގެ ހާލަތު އެހައި ދަށު ދަރަޖައަށްވެއްޓުމުގައި އެންމެންގެ އިހުމާލު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް
30 މެއި 2019 | ބުރާސްފަތި 14:13
ސލއޕ
މަހަކު 15000 ކުށްވެރިންއަކަށް ހަރަދު ކުރާކަށް ނުޖެހޭ. އެމީހުންނަށް ކުރާ ބޭކާރު ހަރަދު ހުއްޓާލާ.
30 މެއި 2019 | ބުރާސްފަތި 13:55
ެައަބޫ
ހަގީގަތުގައި ޖަލުގެ ރިޕޯޓުން އާއެއްވެސް ކަމެއް ފާހަގަ ނުކުރެވޭ. ތިހުރިހާ ކަމަކީވެސް ޒަމާނުއްސުރެން ކަންތައް ހިނގަމުން އަންނަގޮތް. މައްސަލަ އަކީ އެއްވެސް ސަރުކާރަކުން އެކަންތައް ރަނގަޅު ކުރުމަށް އިޚުލާސްތެރި މަސައްކަތެއް ކޮށްފައި ނުވާކަން. އަދި ގަބޫލުކުރަންވީ ހަގީގަތަކީ ކަރެކްޝަނަކަށްވެސް، ހޯމްމިނިސްޓްރީ އަކަށްވެސް އަދި ހިއުމަން ރައިޓްސް ކޮމިޝަނަކަށްވެސް ޖަލުގެ ހާލަތު ބަދަލެއް ނުކުރެވޭނެ އެއިރަކު އޮންނަ ސަރުކާރަކުން އެކަން ކުރަން ބޭނުންވީމަ ނޫނީ. އެހެންވީމަ ސިސްޓަމް އޮތީ ފެއިލްވެފައި، ދައުލަތުގެ އިހުމާލު އޮތީ، ސަރުކާރުތަކުގެ ޕޮލިސީ ގޯހީ. ތިވާހަތައް ކަރެކްޝަނުންވެސް އެޗްއާރްސީއެމް އިންވެސް އަބަދުވެސް ދައްކާ، ޝަކުވާ ކުރޭ އަދި ރިޕޯޓްތައް ހޯމްމިނިސްޓަރ، ރައީސް އޮފީސް އަދި މަޖިލީހަށްވެސް ފޮނުވާ. ދެންއޮތީ މިއަދުގެ ސަރުކާރުގެ އިޚުލާސްތެރިކަން އޮތްމިންވަރެއް.