Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 19:46
އެމްޕީއެލް
އެމްޕީއެލް
މުހައްމަދު ޝަރުހާން
އެމްޕީއެލް
އެމްޕީއެލްގެ ލޭންޑިންގ ކްރާފްޓް މައްސަލާގައި ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިއަކަށް ދައުވާކުރަން ފޮނުވައިފި
ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އަދި 13 ވަނަ މާއްދާގެ (ހ) ގެ ދަށުން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ފަރާތުން ބޮޑު ޚަރަދުކޮށް ލޭންޑިންގ ކްރާފްޓް ގެނައުމަށް ފަހު އަނބުރާ ފޮނުވާލާފައިވާ ކަމަށާއި، އެ ލޭންޑިންގ ކްރާފްޓް ގަނެފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެމައްސަލައިގައި ދަޢުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީއަށް) ފޮނުވައިފިއެވެ.

މި މައްސަލައިގައި ދަޢުވާ ކުރުމަށް ފޮނުވާފައިވަނީ، އެ ލޭންޑިންގ ކްރާފްޓް ގެނައުމުގެ މުޢާމަލާތުގެ ކަންކަން ކުރިއަށްދިޔައިރު، އެމް.ޕީ.އެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިއަކަށް ހުންނެވި ފަރާތުގެ މައްޗަށެވެ.

Advertisement

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ އޭނާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އަދި 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްކައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއަށް ކަމަށެވެ.

މައްސަލާގައި ފާހަގަކުރެވުނު ކަންތައްތައް ބަޔާންކޮށް، އޭސީސީގެ ތަހުޤީޤް ރިޕޯޓުގައި ބުނެފައިވަނީ ޝަކުވާގައި ބުނާ ލޭންޑިންގ ކްރާފްޓް ގަތުމަށް އިންސްޕެކްޝަންއެއް ހެދުމުގެ ޒިންމާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ބޯޑުން ހަވާލުކޮށްފައިވަނީ އެ ދުވަސްވަރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާއާ ކަން ތަޙްޤީޤަށް ލިބިފައިވާ ލިޔުންތަކުން އެނގޭކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން ލޭންޑިންގ ކްރާފްޓުގެ އިންސްޕެކްޝަނެއް ހެދުމަށް އެ ދުވަސްވަރު އެމްޕީއެލްގެ އިންޖިނިއަރިންގ ޑިޕާޓްމަންޓުގެ އިސްވެރިޔާ އާއެކު، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާ އިންޑޮނީޝިއާގެ ސަމަރިންޑާއަށް ދަތުރުކުރިކަން މައްސަލައިގެ ތަޙްޤީޤަށް އެނގިފައިވާ ކަމަށް ބުނެފައިވެއެވެ.

އެމް.ޕީ.އެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާ ބައިވެރިވެ، އިންޑޮނީޝިއާގެ ސަމަރިންޑާގައި ހެދުނު މި އިންސްޕެކްޝަންގައި ވެސް، އެމް.ޕީ.އެލްއަށް ލިބިފައިވާ ޕްރޮފޯމާ އިންވޮއިސްގައި ބުނެފައިވާ ސްޕެސިފިކޭޝަނާ އިންސްޕެކްޓް ކުރެވޭ ލޭންޑިންގ ކްރާފްޓުގެ ސްޕެސިފިކޭޝަނާ ދިމާވޭތޯ ބަލަން އޭނާ އަންގާފައިނުވެއެވެ. އަދި އެދުވަހު ސަރވޭ ކޮށްފައިވަނީ 350 ޓަނުގެ ލޭންޑިންގ ކްރާފްޓެއް ކަމަށްވާތީ، އެއީ އެމް.ޕީ.އެލްއަށް ލިބިފައިވާ ޕްރޮފޯމާ އިންވޮއިސްގައި ބުނެފައިވާ ލޭންޑިންގ ކްރާފްޓް ނޫންކަން އެނގެއެވެ.

އޭސީސީގެ ތަހުޤީޤް ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ ލޭންޑިންގ ކްރާފްޓްގެ އިންސްޕެކްޝަނަށް ފަހު ތައްޔާރުކުރި ޕްރީ-ޕާޗޭސް ކޮންޑިޝަން އެންޑް ސަރވޭ ރިޕޯޓުގައި، އެ ލޭންޑިންގ ކްރާފްޓުގައި އަޅާފައިވަނީ، އެމް.ޕީ.އެލްއަށް ލިބިފައިވާ ޕްރޮފޯމާ އިންވޮއިސްގައި ބުނެފައިވާ ކަމިންސް ބްރޭންޑުގެ އިންޖީނެއް ނޫންކަން އެނގެން އޮތްވާ ވެސް، އެ ލޭންޑިންގ ކްރާފްޓް ގަތުމަށް އެމް.ޕީ.އެލްއިން އެއްބަސްވުން ހަދައި، އެ އެއްބަސްވުމުގައި އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާ ސޮއިކޮށްފައިވާކަން މި މައްސަލައިގެ ތަޙްޤީޤުން އެނގޭކަމަށެވެ. އަދި މި މުޢާމަލާތުގެ އެޑްވާންސް ފައިސާގެ ގޮތުގައި 3,646,500.00 (ތިން މިލިއަން ހަ ލައްކަ ސާޅީސް ހަހާސް ފަސްސަތޭކަ ރުފިޔާ) ލޯކަލް އެޖެންޓަށް ދައްކާފައިވަނީ ފައިސާ ދެއްކުމަށް އެދި އެމް.ޕީ.އެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާ، އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވި މެމޯއަކާ ގުޅިގެންކަން އެނގޭ ކަމަށް ބުނެފައިވެއެވެ

އެ ފައިސާ ދައްކާފައިވަނީ ލޭންޑިންގ ކްރާފްޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންކަން ފާހަގަކުރެވޭ ކަމަށާއި، އެއީ އެ ކުންފުންޏަށް ގެއްލުންވާގޮތަށް އެމް.ޕީ.އެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާ ކޮށްފައިވާ ކަމެއްކަން ތަޙުޤީޤަށް ފާހަގަކުރެވޭކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ލޭންޑިންގް ކްރާފްޓް މާލެ ގެނެސް، އެ އުޅަނދު އެމްޕީއެލްގެ އިންޖިނިއަރިންގ ޑިޕާޓްމަންޓުން އިންސްޕެކްޓް ކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓްގައި، ލޭންޑިންގ ކްރާފްޓުގެ ކޮންޑިޝަން ރަނގަޅު ނޫން ކަމަށާއި، އެމް.ޕީއެލްއަށް ލިބިފައިވާ ޕްރޮފޯމާ އިންވޮއިސްއާ އަސްލު އުޅަނދާ އަޅާބަލާއިރު، ގިނަ ތަފާތުތަކެއް ހުރިކަން ފާހަގަ ކޮށްފައިވެއެވެ. ޚާއްސަކޮށް ޕްރޮފޯމާ އިންވޮއިސްގައި ލޭންޑިންގ ކްރާފްޓުގައި އަޅާފައިވާނީ ކަމިންސް ބްރޭންޑުގެ 400 ހޯސްޕަވަރުގެ އާ އިންޖީނެއް ކަމަށް ބުނެފައިވީ ނަމަވެސް، މާލެ ގެނައި ލޭންޑިންގ ކްރާފްޓުގައި އަޅާފައިވަނީ މިޓްސުބިޝީ ބްރޭންޑުގެ 380 ހޯސްޕަވަރުގެ ބާ އިންޖީނެއްކަން ފާހަގަ ކޮށްފައިވެއެވެ. އަދި ޕްރީ ޕާރޗޭސް ކޮންޑިޝަންއާ އަސްލު އުޅަނދާ ވެސް ގިނަ ތަފާތުތަކެއް ހުރިކަން ފާހަގަ ކޮށްފައިވެއެވެ.
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް