Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 18:07
ހަފްލާއެއްގައި ރައީސް ޔާމީން: އިދިކޮޅު ފަރާތްތަކުން އަތޮޅުތަކުގެ ތަރައްގީ އަށް ހުރަސް އަޅާ ކަމަށް ރައީސް އޮފީހުން ބުނޭ
ހަފްލާއެއްގައި ރައީސް ޔާމީން: އިދިކޮޅު ފަރާތްތަކުން އަތޮޅުތަކުގެ ތަރައްގީ އަށް ހުރަސް އަޅާ ކަމަށް ރައީސް އޮފީހުން ބުނޭ
ރައީސް އޮފީސް
ސަރުކާރުގެ ވަރުގަދަ ރައްދެއް
ފ. އަތޮޅު "ވިއްކުން" ނުހުއްޓުވޭނެ ކަމުގެ އިޝާރާތެއް ރައީސް އޮފީހުން ދީފި
އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެހޭނަން
އިދިކޮޅު ފަރާތްތަކުން ތަރައްގީ އަށް ހުރަސްއަޅާ
ގާނޫނީ ޗާޓުން ބޭރެއް ނުވާނަން

ސައުދީ އަރަބިއްޔާ އަށް ފ. އަތޮޅު "ވިއްކާލަން" އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް، އެ މުއާމަލާތް ނުހުއްޓުވޭނެ ކަމުގެ އިޝާރާތެއް ރައީސް އޮފީހުން ކޮށްފި އެވެ.

 

ރައީސް އޮފީހުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް އަތޮޅުތަކުގެ ތަރައްގީއަށް ހުރަސްއަޅަން މަސައްކަތްކުރި ނަމަވެސް، އަތޮޅުތަކާއި ރަށްތަކަށް ބޭނުންވާ ތަރައްގީ ހޯދައިދިނުމުގައި ސަރުކާރުން އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

 

އެ ބަޔާނުގައި ބުނެފައިވަނީ، ތަރައްގީ ގެނެއުމުގައި ގާނޫނީ ޗާޓުން އެންމެ އިންޗިއެއްވެސް ބޭރު ނުވާނެ ކަމަށާއި ރައްޔިތުންނާއި ގައުމަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ.

 

ރައީސް އޮފީހުން މިފަދަ ބަޔާނެއް ނެރެފައިމިވަނީ، ފ. އަތޮޅު ވިއްކުން ހުއްޓުވާނެ ކަމަށާއި އަދި އެ އަތޮޅު ވިއްކާލިޔަސް އިދިކޮޅު އިއްތިހާދުގެ ވެރިކަމެއް އުފެދޭތާ 24 ގަޑިއިރުތެރޭގައި އެ އަތޮޅު އަތުލާނެ ކަމުގެ އިންޒާރު ހޯމަ ދުވަހު ދީފައިވަނިކޮށެވެ.

 

އިދިކޮޅު އިއްތިހާދުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޔޫތު މިނިސްޓަރު އަދި އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓުގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ފ. އަތޮޅު ސައުދީ ރަސްގެފާނަށް ވިއްކާލިޔަސް، އިއްތިހާދުގެ ވެރިކަމެއް އުފެދޭތާ 24 ގަޑިއިރުތެރޭގައި އެ އަތޮޅު އަތުލާނެ ކަމަށެވެ.

 

މަލީހު އެފަދައިން ވިދާޅުވެފައިވަނިކޮށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިދިކޮޅު ފަރާތްތަކުން ކުރާ ނޭދެވޭ ކަންކަމުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީން ގެނެސްދެއްވަން އުޅުއްވާ ތަރައްގީއަށް ހުރަސް އެޅޭ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވެ، ބާރު ނުދިނުމަށް ރައީސް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

 

ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ، އިދިކޮޅު ފަރާތްތަކުން ގައުމާއި ރައްޔިތުންނާ ދެކޮޅަށް ކުރަމުންދިޔަ މަސައްކަތްތަކަށް ކުރިއެރުމެއް ނުލިބުމުން، އަތޮޅުތަކަށް ސަރުކާރުން ގެންނަން އުޅޭ ތަރައްގީއަށް ހުރަސްއެޅުމުގެ ގޮތުން ކަންކަން އޮޅުވާލައި، އެކި ގޮތްގޮތަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ތަރައްގީއާ ދެކޮޅަށް ކުރާ އެއްވެސް މަސައްކަތަކަށް ސަރުކާރު ދެމިއޮތްހާ ދުވަހަކު ޖާގަ ނުދޭނެ ކަމަށެވެ.

 

ފ. އަތޮޅު ވިއްކާލަން އުޅޭ ކަމުގެ އަޑު ގަދަވެފައިވަނިކޮށް، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލައަޒީޒް ރަސްމީ ދަތުރުފުޅެއްގައި މާޗް މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

 

މީހުން ދިރިއުޅޭ ފަސް ރަށެއް އޮންނަ ފ. އަތޮޅުގެ އާބާދީ އަކީ 4،119 އެވެ. މި އަތޮޅު ސައުދީ ރަސްގެފާނު ބޭނުންފުޅު ވެގެން އުޅުއްވަނީ، ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި، އެ އަތޮޅުގައި ކުރިން މީހުން ދިރިއުޅެމުން ދިޔަ، ހިމިތި އާއި ހިމިތި ކައިރީގައިވާ ފަޅުތަކުގައި ދުނިޔޭގެ ފެންނަވަރުގެ ލަގްޒަރީ ސިޓީއެއް ހެދުމަށެވެ. އެ ސިޓީގައި އެއް މިލިއަން މީހުން އާބާދުކުރާނެ ކަމަށާއި މާޗް މަހުގައި ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގެން ފ. އަތޮޅުގެ އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް ވަނީ ރާއްޖެއެމްވީއަށް އެނގިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް