ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށްގެންދާނެ ތަނެއް ނެތް ކަމަށް އެ ކޯޓުން ހުކުމް ކޮށްފިއެވެ.
މި އަހަރު ހައްޖަށް މީހުން ގެންދާ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ގޮތް ބާތިލު ކުރަން ސިސިލްފަރު ގްރޫޕުން ހުށައެޅި މައްސަލައާ ގުޅޭ ގޮތުން ސިވިލް ކޯޓުން ބުދަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ، އިޖުރާއަތުތައް ފުރިހަމަނުވާތީ އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްގެންދާނެ ތަނެއް ނެތް ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ސިސިލްފަރު ގްރޫޕުގެ ފަރާތުން ވަކާލާތު ކުރެއްވި ޤާނޫނީ ވަކީލު ނާޒިމް ސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މައްސަލަ ކޯޓަށް ހުށަހަޅުމުގެ ކުރިން އެ ކުންފުނިން ފުރަތަމަ އިސްލާމިކް މިނިސްޓްރީއަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ބުނެ އެ މައްސަލަ ކޯޓުން ބޭރުކޮށްފައިވާ ކަމަށެވެ.
މި މަހުގެ 14 ވަނަ ދުވަހު ސިސިލްފަރުން ކޯޓަށް ހުށަހެޅި އެ މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ސިސިލްފަރުގެ ގާނޫނީ ވަކީލު ވަނީ ހައްޖަށް މީހުން ގެންދިއުމަށް ޕޮއިންޓް ދިން އުސޫލު އާންމުކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި ކުންފުނީގެ ތަޖުރިބާއަށް ބަލައި ފަސް ޕަސެންޓް ދޭނެ ކަމަށް ބުނެފައިވީ ނަމަވެސް ސިސިލްފަރުގެ ތަޖުރިބާއަށް އިސްލާމިކް މިނިސްޓްރީ ދީފައި ވަނީ 0.7 ޕަސެންޓް ކަމަށާއި އެ ކުންފުންޏަކީ 35 އަހަރު ހައްޖާޖީންގެ ހިދުމަތުގައި އުޅެފައިވާ ގްރޫޕެއް ކަމަށް އެ ކުންފުނިން ކޯޓަށް ހުށައެޅި މައްސަލާގައި ވަނީ ބުނެފައެވެ.