ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިދާރާއިން ހިންގާ މުހިއްމު ކަންތައްތަކުގެ މައުލޫމާތު ހަފްތާއަކު ދެ ފަހަރު މީޑިޔާއާ ހިއްސާކުރަން ނިންމައިފިއެވެ.
ބުރާސްފަތި ދުވަހު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ނަވާރަ ވަނަ މަޖިލީހުން ކުރާ މަސައްކަތްތަކާއި، މަޖިލީހުގެ އިދާރާ އިން ކުރާ މަސައްކަތްތަކުގެ ތަފްސީލް މީޑިޔާއާ ހިއްސާކުރަން ނިންމެވީ މަޖިލީހުގެ އާ ރައީސް އާއި ނައިބު ރައީސް ކަމަށެވެ.
"މަޖިލީހުގެ މަސައްކަތް މީޑިޔާއާ ހިއްސާކުރުމުގެ ގޮތުން ފަށާ މަސައްކަތެއް. އެ ބޭފުޅުންގެ އެދިލެއްވުމުގެ މަތިން މި ފަދަ ބައްދަލުވުން ހަފްތާއަކު ދެ ފަހަރު ބާއްވާނަން. އަދި މި ދެ ބައްދަލުވުން މެދުވެރިކޮށް އެ ދުވަހެއްގެ މަޖިލީހުގައި ހިގާ ކަންތައްތަކާއި އެ ހަފްތާއަކަށް ކުރަން ހުރި ކަންތައްތަކުގެ މައުލޫމާތު ހިއްސާކުރާނަން،" ނިއުޝާ ވިދާޅުވިއެވެ.
އަންގާރަދުވަހު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވަނީ މަޖިލީހުގެ ރައީސްގެ ގޮތުގައި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އިންތިޚާބްވެވަޑައިގެންފައެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އިންތިޚާބްވެވަޑައިގެންފައެވެ.
ނިއުޝާ ވިދާޅުވީ އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގައި ތަގްރީރް ކުރެއްވުމަށް ދައުވަތު އެރުވުމަށް ފާސްކޮށްފައިވާތީ، އެ ކަމުގެ އިންތިޒާމް މަޖިލީހުގެ އިދާރާއިން ހަމަޖައްސަމުން ދާނެ ކަމަށެވެ. މޯދީ މަޖިލީހުގައި ތަގްރީރްކުރައްވާ ޖަލްސާ އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް ނިއުޝާ ވިދާޅުވިއެވެ.
މަޖިލީހުގެ މަސައްކަތްތަކުގެ މައުލޫމާތު ހަފްތާއަކު ދެ ފަހަރު މީޑިޔާ އާއި ހިއްސާކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމުގެ މަތިން ފަށާފައިވާއިރު، މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެން ފުރަތަމަ ފަހަރަށް ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ ނަވާރަވަނަ މަޖިލިސް ކުރިއަށްދާނީ ހާމަކަން ބޮޑު ގޮތަކަށް ކަމަށެވެ. މަޖިލީހުގައި ނިންމާ ނިންމުންތަކުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރެވިގެންދާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.