ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 17:51
ނާދީ ބިމުގައި އަޅާ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ބިންގާ، ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބެސެޑަރު އަކްލޭޝް މިޝްރާ އާއި ޓާޓާގެ ހެޑް އޮފް އިންޓަނޭޝަނަލް ބިޒްނަސް ސަންޖީވް އަޅުއްވައި ދެއްވަނީ
ނާދީ ބިމުގައި އަޅާ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސްގެ ބިންގާ، ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބެސެޑަރު އަކްލޭޝް މިޝްރާ އާއި ޓާޓާގެ ހެޑް އޮފް އިންޓަނޭޝަނަލް ބިޒްނަސް ސަންޖީވް އަޅުއްވައި ދެއްވަނީ
މުހައްމަދު ޝަރުހާން
ޓާޓާގެ އާ ފްލެޓްތައް ފެށުން
ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި
ނަދީ ހުރި ބިމުގައި އަޅަނީ ލަގްޒަރީ އެޕާޓްމަންޓް
އޯޑިއޯން ބިމުގައި އަޅާ ފްލެޓްތައް މިއަދު ވިއްކަން ފަށާނެ

އިންޑިއާގެ ޓާޓާ ހައުސިންގ ކުންފުނިން މާލޭގައި، ކުރިން ނާދީ ހުރި ބިމާއި އޯޑިއޯން ހުރި ބިމުގައި އިމާރާތްކުރާ ދެ އެޕާޓްމަންޓް ބިލްޑިންގގެ ބިންގާ އަންގާރަ ދުވަހު އަޅައިފިއެވެ.

މި ދެ އިމާރަތުގެ ބިންގާ އެޅުމަށް ނާދީ އާއި އޯޑިއޯން ބިމުގައި ވަކިވަކިން ދެ ރަސްމިއްޔާތު ބޭއްވި އެވެ. މި ދެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދަވާ ވާހަކަފުޅު ދައްކަވަމުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ޝްރީ އަކިލޭޝް މިޝްރާ ވަނީ މިފަދަ މަޝްރޫޢުތަކަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއްކަން ފާހަގަ ކުރާއްވާފައެވެ.

ހަމަ މިއާއެކު މިފަދަ މަޝްރޫޢުތަކަކީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދުތަކަކާއި ގުޅިފައިވާ މަޝްރޫޢުތަކެއްކަން ފާހަގަ ކުރައްވާ އަކިލޭޝް މިޝްރާ ވިދާޅުވީ މި މަސައްކަތް ދިވެހި ރައްޔިތުން ބޭނުންވާފަދަ ފެންވަރަކަށް ކޮށްނިންމުމަށް ސަމާލުކަން ދިނުމަށް ޓާޓާގެ އިސް ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. 

އަންގާރަ ދުވަހުގެ ފުރަތަމަ ރަސްމިއްޔާތުގައި ބިންގާއެޅި ނާދީ ބިމުގައި އަޅާ އެޕާޓްމަންޓްތައް ބިނާކުރަނީ ލަގްޒަރީ ފެންވަރަށެވެ. 1200 އަކަފޫޓާއި 1400 އަކަފޫޓުގެ 3 ކޮޓަރީގެ 74 އެޕާޓްމަންޓް ނާދީ ބިމުގައި އަޅާއިރު، އެންމެ ޒަމާނީ ފެންވަރުގެ އެކި ޚިދުމަތްތަކާއި، އަދި ކޮންމެ އެޕާޓްމަންޓަކަށް ޚާއްސަ، ބޭސްމަންޓް ކާރު ޕާކިން ސްލޮޓްތަކެއްވެސް އެ އިމާރާތުގައި ޤައިމްކުރުމަށް ވަނީ ނިންމާފައެވެ.

ނާދީ ބިމުގައި އާޅާ އެޕާޓްމަންޓްތައް ކުރިއަށް އޮތް ދެތިން މަސްތެރޭގައި ވިއްކަން ފަށާއިރު، ޓާޓާއިން މަޢޫލޫމާތު ދިން ގޮތުގައި މި އެޕާޓްމަންޓްތަކުގެ އަގު ހުންނާނީ 5 މިލިއަން ރުފިޔާ އާއި 7 މިލިއަން ރުފިޔާ އާއި ދެމެދުގައެވެ.

އޯޑިއޯން ބިމުގައި 56 އެޕާޓްމަންޓް އެޅުމަށް ނިންމާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 850 އަކަފޫޓާއި 1250 އަކަފޫޓާ ދެމެދުގެ 1 ކޮޓަރި، 2 ކޮޓަރި، އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

އޯޑިއޯން ބިމުގައި އަޅާ އިމާރާތުގައި ދެ ފުރޮޅުލީ ވެހިކަލް ޕާކް ކުރުމަށް ބައެއް ޚާއްސަ ކުރާއިރު ރީޓެއިލް ފިހާރަތަކަށްވެސް ދެ ފަންގިފިލާ ޚާއްސަ ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މި އިމާރާތުގައި ޒަމާނީ ދިރިއުޅުމަށް ފަހި ޚިދުމަތްތައްވެސް ޤާއިމް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސްޕާ އަކާއި، ސްވިމިންގ ޕޫލާއި މިފަދަ އެހެން ޚިދުމަތްތައް އެތަނުގައި ޤާއިމް ކުރުމަށް ވަނީ ނިންމާފައެވެ.

އޯޑިއޯން ބިމުގައި ހަދާ އެޕާޓްމަންޓް ކޮމްޕްލެކްސްގެ އެޕާޓްމަންޓްތައް 3 މިލިއަންނާއި 5 މިލިއަންނާއި ދެމެދުގެ އަގުތަކަކަށް ވިއްކަން ނިންމާފައިވާއިރު، މި އެޕާޓްމަންޓް ގަތުމުގެ ފުރުޞަތު މިއަދުން ފެށިގެން ގާކޮށި އަދި އަރަބިއްޔާ ބިމުގައި ހުރި ޓާޓާގެ ހައުސިންގް ކޮމްޕްލެކްސްތަކުގައި ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

- ކޮމެންޓް