Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 14:22
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އާ މަޖިލީހުން އިސްލާހު ކުރަނީ 17 ވަނަ މަޖިލީހުގެ ގަވާއިދު!
އެގޮތަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު ޝަރީފު

މީގެ ނުވަ އަހަރު ކުރިން 17 ވަނަ ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ފަހު، އާ މަޖިލީހުން އެ ގަވާއިދަށް އަމަލު ކުރަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހަތްދިހަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުން 2010 ވަނަ އަހަރު މާޗު މަހުގެ ދެ ވަނަ ދުވަހު އެކުލަވާލި ގަވާއިދު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އެ ހުށަހެޅުއްވުމުގައި ބުނެފައި ވަނީ އެ ގަވާއިދު ހެދުމަށް ހަވާލު ކުރާ ވަގުތީ ކޮމެޓީން 30 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަންވާނެ ކަމަށެވެ. މަވޯޓާގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

"މި މަޖިލީހުން އަމަލު ކުރާނީ މާޗު 2، 2010ގައި 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަވާއިދަށް ކަމުގައި މި މަޖިލީހުން ކަނޑައަޅައި، އެ ގަވާއިދު އިސްލާހު ކުރެއްވުމަށްޓަކާ ވަގުތީ ކޮމެޓީ އެކުލަވާލައި 30 ދުވަހުގެ ތެރޭގައި މަޖިލީހުގެ ގަވާއިދު މުޅިން އިސްލާހުކޮށް، ފާސްކޮށް ތަޅުމަށް ހުށަހެޅުމަށާއި އަދި މި 30 ދުވަހުގެ ކުރިން ވެސް ދުވަހުން ދުވަހަށް ގެންނަން ފެންނަ ބަދަލުތައް ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅަމުން ގެންދިއުމަށް ފާސްކުރުމަށް،" ޝަރީފު ހުށަހެޅުއްވުމުގައި ބުނެފައިވެއެވެ.

ޝަރީފު ހުށަހެޅުއްވި ގޮތަށް 17 ވަނަ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް 11 މެމްބަރުންގެ ވަގުތީ ކޮމެޓީއެއް މަޖިލީހުން ވަނީ ނަގާފައެވެ. އެމްޑީޕީގެ ހަ މެމްބަރުން ހިމެނޭ ގޮތަށް 11 މެމްބަރުންގެ ވަގުތީ ކޮމެޓީ ނެގުމަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

Advertisement

މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ނެގި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މުސާއެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ގަވާއިދުގައި ހަދަން ވާނީ ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނެ ގޮތަށް އަދި އެބައި މީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނެ ދިމިގްރާތީ އުސޫލުތައް އެކުލެވޭނެ އަދި ޖަވާބުދާރީވާ، ހާމަކަން ބޮޑު ގޮތަކަށް މަޖިލިސް ހިންގުމަށް ބޭނުންވާނެ އުސޫލުތަކުގެ މައްޗަށެވެ. މަޖިލީހުން ހަދާ ގަވާއިދުގައި މެމްބަރުންގެ ސުލޫކީ މިންގަނޑުތަކާއި ހާޒިރީއާ ގުޅޭ އުސޫލުތައް ހިމެނިދާނެ ކަމަށާއި މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވެއްޖެ ނަމަ، މެމްބަރެއްގެ މުސާރަ އާއި އިނާޔަތްތައް ކެނޑޭނެ ގޮތްތައް ވެސް ކަނޑައެޅިދާނެ ކަމަށް ގާނޫނުއަސާސީގެ 88 ވަނަ މާއްދާގައި ބުނެފައިވެއެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމިދިޔައިރުވެސް، އެ މަޖިލީހުގެ ގަވާއިދު ހަދާފައި ނުވެއެވެ. އެ މަޖިލީހުން އަމަލު ކުރީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ބައެއް އިސްލާހުތަކެއް ގެނެސްގެންނެވެ.

މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދު ހެދުމަށް ކޮމެޓީއަށް ފޮނުވާ މަސައްކަތަކީ އެއް މަސް ދުވަހުގެ މަސައްކަތެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް