Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 13:12
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އާ މަޖިލީހަށް އާ ގަވާއިދެއް ހެދުމަށް 11 މެމްބަރުންގެ ވަގުތީ ކޮމެޓީއެއް ހުށަހަޅައިފި
ކޮމެޓީގައި އެމްޑީޕީ 6 މެމްބަރުން ހިމެނިވަޑައިގަންނަވާ
އިދިކޮޅު ޕާޓީތަކާއި މިނިވަން މެމްބަރުން ވެސް ހިމެނޭ
ގަވާޢިދު ހެދުމަށް ކޮމެޓީއަށް ދެވޭނީ އެއް މަސް ދުވަސް: ނަޝީދު

އާ މަޖިލީހަށް އާ ގަވާއިދެއް ހެދުމަށް ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ މެމްބަރުންގެ މައްޗަށް އެކުލެވޭ 11 މެމްބަރުންގެ ވަގުތީ ކޮމެޓީއެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އާ މަޖިލީހަށް އާ ގަވާއިދެއް ހެދުމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން 11 މެމްބަރުންގެ ވަގުތީ ކޮމެޓީއަކުން މަޖިލީހުގެ ހިންގާ ގަވައިދު ހެދުމަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

އޭނާ ހުށަހެޅުއްވި 11 މެމްބަރުންގެ ވަގުތީ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މުސާއެވެ.

Advertisement

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ގަވާއިދުގައި ހަދަން ވާނީ ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނެ ގޮތަށް އަދި އެބައި މީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނެ ދިމިގްރާތީ އުސޫލުތައް އެކުލެވޭނެ އަދި ޖަވާބުދާރީވާ، ހާމަކަން ބޮޑު ގޮތަކަށް މަޖިލިސް ހިންގުމަށް ބޭނުންވާނެ އުސޫލުތަކުގެ މައްޗަށެވެ. މަޖިލީހުން ހަދާ ގަވާއިދުގައި މެމްބަރުންގެ ސުލޫކީ މިންގަނޑުތަކާއި ހާޒިރީއާ ގުޅޭ އުސޫލުތައް ހިމެނިދާނެ ކަމަށާއި މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވެއްޖެނަމަ، މެމްބަރެއްގެ މުސާރަ އާއި އިނާޔަތްތައް ކެނޑޭނެ ގޮތްތައް ވެސް ކަނޑައެޅިދާނެ ކަމަށް ގާނޫނުއަސާސީގެ 88 ވަނަ މާއްދާގައި ބުނެފައިވެއެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމިދިޔައިރުވެސް، އެ މަޖިލީހުގެ ގަވާއިދު ހަދާފައި ނުވެއެވެ. އެ މަޖިލީހުން އަމަލު ކުރީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ބައެއް އިސްލާހުތަކެއް ގެނެސްގެންނެވެ.

މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދު ހެދުމަށް ކޮމެޓީއަށް ފޮނުވާ މަސައްކަތަކީ އެއް މަސް ދުވަހުގެ މަސައްކަތެއް ކަމަށެވެ.

މި މަޖިލީހުގެ ގަވާއިދު މި ބަލައިގަންނަނަނީ އެއް މަސް ދުވަހުގެ ތެރޭގައި. ތިޔަ ހުށަހެޅުއްވި ކޮމެޓީން އެ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްގެން، މިތަނަށް ގެނައުމަށް އެ ނުގެނެވިއްޖެނަމަ، އެ ހިސާބުން ކޮމެޓީ ވެސް އުވުނީ ކަމަށް. އަދި ގަވާއިދު ވެސް ނެތުނީ ކަމަށް. އަލުން އަނބުރާ އެ ގަވާއިދު އަޅުގަނޑުމެން ކުރިއަށް ގެންދަންޖެހޭނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް