އައްސޭރި ޖަލުގައި ފެންޕްލާންޓް ހެދުމަށް ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގެ ދުވަސްވަރު މީހަކަށް 32 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ޖަލު އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.
އަންގާރަ ދުވަހު ހޯމް މިނިސްޓްރީން އާއްމުކުރި ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ޖަލުތަކުގައި ކޮރަޕްޝަންގައި މައްސަލަތައް ހުރި ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ޖަލުގެ މުވައްޒަފަކާ ހަވާލާދީ ޖަލު އޮޑިޓް ރިޕޯޓްގައި ބުނީ، ފެން ޕްލާންޓް ހެދުމަށް 32 މިލިއަން ރުފިޔާ މީހަކަށް ދިން ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެވާހަކަ ކިޔައިދިން މުވައްޒަފު މިހާރު މަސައްކަތް ކުރަމުންދަނީ ފެން ޕްލާންޓްގައި ކަމަށާއި، އޭނާއަށް މުސާރައިގެ ގޮތުގައި އެތަނުން މަހަކު 50،000 (ފަންސާސް ހާސް) ރުފިޔާ ލިބޭ ކަމަށް ކޮމިޝަންގެ ރިޕޯޓްގައި ވެއެވެ.
ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރަމުންދާ އިސް މީހަކު ބުނީ، އާއްމު ގޮތެއްގައި 400 ސަތޭކައެއްހާ މީހުން ދިރިއުޅޭ ރަށުގައި ފެން ޕްލާންޓެއް ހެދުމަށް ވެސް އެންމެ ގިނައިން ހޭދަވާނީ 16 މިލިއަން ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް 200 ގައިދީން ތިބޭ އައްސޭރި ޖަލުގައި އެންމެ ގިނަވެގެން ވެސް 11 މިލިއަނަށް ފެންޕްލާންޓް ގާއިމްކުރެވޭނެ ކަމަށް އެމީހާ ބުންޏެވެ. އަދި 32 މިލިއަނުން ދެ ރަށެއްގައި ފެން ޕްލާންޓް ގާއިމްކުރެވޭނެ ކަމަށް މީގެ ކުރިން ރާއްޖޭގެ ބައެއް ޖަލުތަކުގައި ކޮންޓްރެކްޓަށް މަސައްކަތް ކޮށްދީފައިވާ ކުުންފުނިން މައުލޫމާތު ދިން މީހާ ބުންޏެވެ.
އޮޑިޓް ރިޕޯޓް ބުނާ ގޮތުން ޖަލު ތެރޭގައި ތިބޭ ޤައިދީންނަށް ފަސޭހަކަމާ އެކު މަސްތުވާތަކެތި ލިބެން ހުންނަކަމާއި، އެތަކެތި ޖަލަށް އެތެރެ ކުރުމުގައި ޖަލުގެ ބައެއް އޮފިސަރުންގެ ބައިވެރިވުން ހިމެނޭ ކަމަށާއި އެމީހުން އެކަން ކޮށްދެނީ 50،000 (ފަންސާސް ހާސް ރުފިޔާ) ދިނުމުން ކަމަށް ބުނާ މައްސަލައެއް ވެސް ކޮމިޝަނަށް ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައި ވެއެވެ.
ކޮރަޕްޝަނާ ގުޅޭ ޝަކުވާތައް އެ ރިޕޯޓް ހިއްސާކުރާތާ އެއް ދުވަހުގެ ތެރޭގައި މިނިސްޓަރު ދަޢުލަތުގެ ކަމާ ގުޅުން ހުރި ތަހްގީގީ މުއައްސަސާތައް ކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް އެ ދެ މުއައްސަސާ މެދުވެރިކޮށް ތަޙްޤީޤު ކުރުމުގެ މަސައްކަތް ފަށަން ޖެހޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.