Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 01:57
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ނަޝީދުގެ ތާރީޚީ ތަގުރީރު: މިއީ އިންސާފު ހޯދަން ގެނައި މަޖިލީހެއް
މެމްބަރުން އިންތިހާބު ކުރީ ނަޒާހަތްތެރި މަޖިލީހަކަށް ފެންބޮވައިގެންފައި ވަނިކޮށް
މަޖިލީހުގެ މަސައްކަތަކީ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައި ދިނުން
ޖުޑީޝަރީ އިސްލާހު ކުރުމަށް އިންތިހާއަށް ރައްޔިތުން އެދެމުންދާ ކަމަށް ވިދާޅުވި

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަކީ އިންސާފު ހޯދުމަށް ރައްޔިތުން ހޮވި މަޖިލީހެއް ކަމަށް މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތަނަވަސް އަގުލަބިއްޔަތަކުން، މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު، ފުރަތަމަ ފަހަރަށް މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން ދެއްވި ތާރީޚީ ތަގުރީރުގައި ރައީސް ނަޝީދު ވިދާޅުވީ މެމްބަރުން އިންތިހާބުކޮށްފައި ވަނީ ނަޒާހަތްތެރި މަޖިލީހަކަށް ރައްޔިތުން "ފެންބޮވައިގެންފައި" ވަނިކޮށް ކަމަށެވެ.

Advertisement

ރައްޔިތުން އެދެނީ މެމްބަރުންގެ އިއްޒަތާއި ގަދަރު ހިފެހެއްޓެވުމަށް ކަމަށް ވިދާޅުވެ، ނަޝީދު ވިދާޅުވީ ރާއްޖޭގެ ގަދަރާއި އިއްޒަތް ގުޅިފައި ވަނީ މަޖިލީހުގެ މެމްބަރުންނާ ކަމަށެވެ.

އާ މަޖިލިސް އިންތިހާބުކޮށްފައި ވަނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް ރާއްޖޭގެ ރައްޔިތުން އެދެމުންދިޔަ ދަނޑިވަޅެއްގަ އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް އެއީ ރާއްޖޭގެ ރައްޔިތުން، އެ ރައްޔިތުންނަށް އިންސާފު ހޯދުމަށް ގެނައި ރައްޔިތުންގެ މަޖިލީހެއް. ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް ރާއްޖޭގެ ރައްޔިތުން އިންތިހާއަށް އެދެމުންދިޔަ ހާލުގައި އުފެދިގެންއައި މަޖިލީހެއް. އިރާދަ ކުރެއްވިއްޔާ މި އިއްޒަތްތެރި މަޖިލީހުގެ އިއްޔަތްތެރި މެމްބަރުން އެ މަސައްކަތުގައި އަވަދިނެތި އުޅުއްވާއިރު، އަނެއްކާވެސް ދަންނަވާން އޮތީ މަޖިލީހުގެ ރިޔާސަތުން ވެސް މަޖިލީހުގެ ތަޅުމުގައި ވެސް، އަދި މަޖިލީހުގެ އިދާރާއިން ވެސް ތިބޭފުޅުންނަށް އިރާދަ ކުރެއްވިއްޔާ ވެދެވެން އޮތް ހުރިހާ އެހީއެއް ވެދެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ ރޭ ދަންވަރު 12:41ގައި މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ މެމްބަރުންގެ ކިބައިން ރައްޔިތުން އެދެނީ ތަނަވަސް ދިރިއުޅުމެއް ކަމަށާއި މަޖިލީހުގެ މަސައްކަތަކަށް ވެސް ވާނީ އެކަން ކުރުން ކަމަށެވެ.

ރާއްޖޭގެ ރައްޔިތުން ތިބޭފުޅުންގެ ކިބައި އެދެނީ ތަނަވަސް ދިރިއުޅުމެއް. ރިވެތި ގޮތުގައި ދިރިއުޅެވޭނެ ގޮތްތަކެއް. ހާސް ކަމެއް ނެތި މި ދިވެހިރާއްޖޭގައި، އެ ރައްޔިތުންގެ ދަރިންނާއި ދަރިންގެ ދަރިންނަށް ތަނަވަސް ދިރިއުޅުމެއް ރިވެތި ގޮތެއް ހޯދައިދެވޭނެ ދިވެހިރާއްޖެއެއް ބިނާ ކުރުން. މި މަޖިލީހުގެ މަސައްކަތަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދިއުން. މި މަޖިލިސް އެހީތެރިވެދޭނީ ވެސް އެ މަސައްކަތަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ނައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު ރައީސް ނަޝީދު މަޖިލީހުގައި

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަަން ކުރެއްވި ގާސިމް އިބްރާހިމާއި އަބްދުﷲ މަސީހާއި ނައިބު ރައީސްކަން ކުރެއްވި މޫސާ މަނިކަށް ޝުކުރު އަދާ ކުރައްވައި ނަޝީދު ވިދާޅުވީ ގާސިމް މަޖިލިހުގެ ރިޔާސަތު ބެލެހެއްޓެވީ ފުރިހަމައަށް ކަމަށެވެ.

އާ މަޖިލީހުގައި 65 މެމްބަރުންނާއެކު އެމްޑީޕިގެ ސުޕަރ މެޖޯރިޓީ އޮތް ނަމަވެސް، އެ މަނިކުފާނުގެ ރިޔާސަތުގައި އާ މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީތަކުގެ މެމްބަރުންގެ ހިޔާލުފާޅު ކުރުމަށް އެންމެ މަތީ ދަރަޖައިގައި ފުރުސަތު ދެއްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ސިފައިންގެ ފިޔަވައި، އެންމެ ގިނަ ދުވަސްވީ މުއައްސަސާކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އެންމެ މަތީގެ ކަމަށެވެ.

ނަޝީދުގެ ރިޔާސަތުގެ ދަށުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބުދަ ދުވަހު ބާއްވާނެ އެވެ.

ނަޝީދު ވެވަޑައިގެންފައި ވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުގެ މެމްބަރުކަމާއި، މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ފުރަތަމަ ބޭފުޅާއަށެވެ. ނަވާރަ ވަނަ މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރަކަށް ނަޝީދު އިންތިޚާބު ވެވަޑައިގެންފައިވާއިރު، އެންމެ ފުރަތަމަ އެ މަނިކުފާނު މަޖިލީހަށް އިންތިޚާބު ވެވަޑައިގަތީ 1999 ވަނަ އަހަރު މާލޭގެ މެމްބަރެއްގެ ގޮތުގަ އެވެ. ނަމަވެސް އެ ފަހަރު ދައުރު ފުރިހަމަ ނުކުރެއްވުނީ ވެލާނާގެއިން ވައްކަން ކުރި ކަމަށް ތުހްމަތުކޮށް ކުރި "ސިޔާސީ ދައުވާ" ސާބިތުކޮށް އަރުވާލުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
29 މެއި 2019 | ބުދަ 09:30
ައަސްލަމް
އިއްޔަ ޖަލުގަ މިއަދު މަޖިލީީހުގެ ރައީސް، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނިންމެވުން ނިކަން ދެކިބަލަ.