ކ. މާލެ
|
28 މެއި 2019 | އަންގާރަ 17:06
މާލެ މަސް މާރުކޭޓު ސަރަހައްދަށް ކޮންމެ ދުވަހަކު ތިރިކުރާ މާކަނާތައް، ވަޅޯމަސް މާރުކޭޓު މަތީގައި
މާލެ މަސް މާރުކޭޓު ސަރަހައްދަށް ކޮންމެ ދުވަހަކު ތިރިކުރާ މާކަނާތައް، ވަޅޯމަސް މާރުކޭޓު މަތީގައި
ޙުސައިން ޙަސަން
މާލެ ސިޓީ
މިއީވާ މާކަނާތަކެއް، މަސް ހޯދަން ދަނީ މާރުކޭޓު މައްޗަށް!
މާކަނާތައް "އޮޅުވެފައި" ވަނީ ކާންދޭން ފެށުމުން
މާރުކޭޓުގައި މަސް ކަނޑާ މީހުން ވެސް މާކަނާތަކަށް ކާންދޭ
އެތަނަށް ޖަމާވާ މާކަނާތަކުގެ އަދަދު ވަނީ އިތުރުވާން ފަށާފައި

ކުރިން އަޑު އަހަނީ މާކަނާ ފަރުމައްޗަށް ގޮސް ކޮށްޖަހާ ވާހަކައެވެ. ފަރުތަކާއި ކުޅިތަކުން ޝިކާރަ ކުރުމަކީ އެތަކެތީގެ ތަބީއަތުގައި ލައްވާފައިވާ ސިފައެކެވެ. ނަމަވެސް މާލޭގެ އެންމެ ކާރުބާރު ބޮޑު، އަދި ދުއްވާ އެއްޗެހިން ފުރި، މުދާތަކުން ފުނިޖެހިފައިވާ މަސް މާރުކޭޓް ސަރަހައްދަށް މާކަނާ ތިރިކުރި ވާހަކަ އަޑުއެހީމު ހެއްޔެވެ؟

ގަބޫލުކުރަން ދަތިވިޔަސް، ފޮޓޯތަކުން ފެންނަނީ އެ ހަގީގަތެވެ. އެކަން ހިނގައިދާ ގޮތް "ރާއްޖެއެމްވީ"އަށް ކިޔައި ދިނީ ކ. ގާފަރު މަސްވެރިޔާ އިބުރާހިމް މުހައްމަދު އަލީމެވެ.

ފުރަތަމަ މިތަނަށް އައީ މާކަނާއެއް. އެ އެއްޗަށް ކާންދީ އިހްތިރާމް އަދާކުރީތީ، އަނެއް ދުވަހު އައީ ދެ މާކަނާ. ދެން މާކަނާ ގިނަވަމުން އައިސް، މިއަދު މި އޮތީ ދިހަބާރަ މާކަނާ މިތަނަށް އައިއްސަ،" ---- ގާފަރު "ގުރުވަ" ދޯނީގެ މަސްވެރިޔާ އަލީމް ބުންޏެވެ.
މާކަނާތައް މިހާރު މި ތިބީ މި ސަރަހައްދަށް އޮޅުވެފައި. ވަކި މީހަކަށް ނޫން. ދެން ކޮންމެ ދުވަހަކު ކާން ލިބެންޏާ އެ އެއްޗެހި ތިބޭނެ. ރޭގަނޑު ވެސް ބައެއް މާކަނާތައް ނުދޭ. މި ހޮޅިދަނޑިތަކުގައި ޖައްސާލައިގެން ތިބެނީ.
ވަޅޯ މަސް މާރުކޭޓު މައްޗަށް ތިރިކުރި މާކަނާތަކަށް ކާން އެޅުމުން، އެ އެއްޗެހި ކަނީ --- ފޮޓޯ/ ޙުސައިން ޙަސަން

މާލޭ ބާޒާރުމައްޗަށް ތިރި ކުރާ މާކަނާތައް އެންމެ ގިނައިން ތިބެނީ ވަޅޯމަސްމާރުކޭޓު ފުރާޅުމަތީގައެވެ. ބައެއް ފަހަރު ދޯނިތަކަށް ވެސް އެތަކެތި ޖައްސައެވެ. ގިނަ ފަހަރު، މާކަނާތަކަށް ކާންދޭން ބައެއް މީހުން ފުރާޅު މައްޗަށް ކުދި މަސް އުކައިހަދައެވެ. އެ އެއްޗެއްސަށް ކާންދެނީ އެމުގެ ގޮތުގައި ބޭނުން ކުރުމަށް ފަހު، ދޯނިތަކުގައި ބާކީވެފައި ހުންނަ މަހެވެ.

އަލީމް ކިޔައިދިން ގޮތުގައި އެތަކެއްޗަށް އެންމެ ގިނައިން ކާންދެނީ އާންމުންނެވެ. އަދި މަސްމާރުކޭޓުގައި މަސް ކަނޑަން އުޅޭ މީހުން ވެސް އެ އެއްޗެއްސަށް ކާންދޭ ކަމަށް އޭނާ ބުންޏެވެ.

މާލެ ވަޅޯމަސްމާރުކޭޓު މަތީގައި މާކަނާއެއް: މާކަނައަކަށް ކާން ދޭން ފެށުމުން ގިނަ މާކަނާތަކެއް އެ ސަރަހައްދަށް ޖަމާވޭ-- ފޮޓޯ/ ޙުސައިން ޙަސަން
"ގިނައިން ކާންދެނީ އާންމުން. ދެން މަސް މާރުކޭޓުގައި މަސް ކަނޑަން އުޅޭ ކުދިން. އެ އެއްޗެއްސަށް ކާންދޭން އަޅުގަނޑުމެން [މަސްވެރިން] އެހީތެރިވަނީ. މުގުރާން ހުރިއްޔާ ދެނީ. ދެން އެ ކުދިން ކާންދޭ ހިތުން ދެނީ. އެ ކުދިންނަށް ވަރަށް ބޮޑު ހޮބީއެއް،" މަސްވެރިޔާ ބުންޏެވެ.

ދަގަނޑާއި ބަންނަ ނަރު އޮޅައި، ކޮންކްރީޓުން، އަރިހުރަހަށް އުފުލާފައިވާ އިމާރާތްތަކުން ފުނިޖެހިފައިވާ މި މާލޭގެ މަލަމައްޗަށް މާކަނާ ޖެއްސުމަކީ އާންމުކޮށް ނުފެންނަ މަންޒަރެކެވެ. ދުވަހަކަށް، ވުރެ ދުވަހަކަށް އެތަނަށް ޖަމާވާ މާކަނާތައް އިތުރުވެ، މިހާރު ވެސް އަށް މާކަނާ އެ ސަރަހައްދަށް އޮޅުވެފައި ތިބުމަކީ ގިނަ ބަޔަކަށް ލިބޭ އުފަލަކަށްވާނެއެވެ. އަލީމް ވެސް ވަނީ އެކަން ހަނދާން ކޮށްދީފައެވެ.

"މީގަ ދެ ފަރާތަަށް ވެސް ނިއުމަތް މި އޮތީ. ހިތްހަމަޖެހުމުގެ ނިއުމަތް. އަނެއް ބަޔަކަށް މި އޮތީ އެ މީހުންނަށް ކާން ލިބޭތީ ލިބޭ ނިއުމަތް،"
މަސް މާރުކޭޓު ސަރަހައްދަށް ތިރި ކުރާ މާކަނާތައް ވަޅޯމަސް މާރުކޭޓު މަތީގައި-- ފޮޓޯ/ ޙުސައިން ޙަސަން
- ކޮމެންޓް