ކުރިއަށް އޮތް ފިތުރު އީދު ބަންދު ތެރޭގައި އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނެ ގަޑިތައް މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން އާންމުކޮށްފިއެވެ.
އަންގާރަ ދުވަހު އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، ފިތުރު އީދު ބަންދާ ދިމާކޮށް ޝައްވާލް މަހުގެ 2 އަދި 3 ވަނަ ދުވަހުގެ ހެދުނު 9:15 އިން 12:30 އަށް އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނެ ކަމަށާއި، ނަމަވެސް ފިތުރު އީދު ދުވަހާއި، ޝައްވާލު މަހުގެ 4 އަދި 5 ވަނަ ދުވަހު އުތީމު ގަނޑުވަރު ބަންދުވާނެ ކަމަށެވެ.
އޭގެ އިތުރުން، ޝައްވާލު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިން މެންދުރު 13:30 އަށް އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
އުތީމު ގަނޑުވަރަކީ ދިވެހިރާއްޖޭގެ އާސާރީ ތަރިކައިގެ ތެރޭގައި ހިމެނޭ އަދި މިހާރު ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް ގެއެވެ. އެގޮތުން މި އިމާރާތަށް ގާތްގަނޑަކަށް 500 އަހަރުވެދާނެ ކަމަށް ތާރީހު ދިރާސާކުރައްވާ ފަރާތްތަކުން ބުނެއެވެ.