ކ. މާލެ
|
28 މެއި 2019 | އަންގާރަ 10:34
ޕްރޮފެސަރ ކްލެއަރ ބްލެޓްލަރ އައިސްއޭޖް ދުވަސްވަރުގެ ލޮނުގެ ސާމްޕަލެއް ހިފައިގެން
ޕްރޮފެސަރ ކްލެއަރ ބްލެޓްލަރ އައިސްއޭޖް ދުވަސްވަރުގެ ލޮނުގެ ސާމްޕަލެއް ހިފައިގެން
ޗިކާގޯ ނިއުސް
އައިސް އޭޖްގެ ލޮނު ފެން
ރާއްޖޭގެ ކަނޑުއަޑިން އައިސްއޭޖް ދުވަސްވަރުގެ ލޮނު ފެނިއްޖެ
މީގެ 20000 އަހަރު ކުރީގެ މޫދު ލުނު ނެގީ ރާއްޖޭގެ ކަނޑުގެ ބިންގަނޑު ޑްރިލްކޮށްގެން
އިތުރު ދިރާސާކުރަން ނިންމީ ލޮނު އަސަރު ފެނުގައި މާ ގަދަވުމުން

ދުނިޔެ އެންމެ ފަހުން ތަޖުރިބާކުރި އައިސްއޭޖް ދުވަސްވަރުގެ މޫދު ލޮނު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިއްޖެއެވެ.

ޔުނިވާރސިޓީ އޮފް ޗިކާގޯގެ ޓީމަކުން ކުރި ދިރާސާއެއްގައި، މި މޫދު ލޮނު ފެނިފައި ވަނީ ރާއްޖޭގެ ރަށްތައް އުފެދިފައިވާ "ލައިމްސްޓޯން ޑިޕޮސިޓްސް" ތޮރުފުމުގެ ތެރޭގައެވެ. އެ ޓީމުން މިކަމަށް ބޭނުންކޮށްފައި ވަނީ އެ މަސައްކަތަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އުޅަނދެއްގައި ހަރުކޮށްފައިވާ ޑްރިލްއެއް މެދުވެރިކޮށް ކަނޑުގެ ބިންގަނޑު ތޮރުފައިގެންނެވެ. އެ ޑްރިލްއަކީ ކަނޑުގެ ބިންގަނޑުގެ ތިން މޭލު އަޑިން، މޭލެއްގެ "ރޮކް އެކްސްޓްރެކްޓް" ނެގުމުގެ ގާބިލްކަން ލިބިފައިވާ ޑްރިލްއެކެވެ.

މިއީ އައިސްއޭޖް ދުވަސްވަރުގެ މޫދު ލޮނު ފެނުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ދުވަސްވަރުގެ މޫދު ލޮނުގައި ހުރި ސިފަތައް އަންދާޒާކޮށްފައި ވަނީ މުރަކައިގެ ފޮސިލްތަކުންނާއި ކަނޑުގެ އަޑިން ނަގާ ސެޑިމެންޓް ސާމްޕަލްތަކުގެ އަލީގައި ލިބުނު ނުސީދާ މައުލޫމާތުގެ އަލީގައި ކަމަށް މި ދިރާސާގައި އިސްކޮށް އުޅުނު ކްލާރާ ބްލޭޓްލަރ ބުނެފައި ވެއެވެ. "މިހާތަނަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، ކަނޑުގެ އަޑިން ނެގި ސާމްޕަލްއަކީ މީގެ 20000 އަހަރު ކުރީގެ މޫދު ލޮނު ކަމަށް ބެލެވޭ" ބްލޭޓްލަރ ބުންޏެވެ.

ސައިންސްވެރިން ކަނޑުގެ ބިންގަނޑުން ސާމްޕަލް ނެގީ ރާއްޖޭގެ ސަރަހައްދުގައި "ސެޑިމެންޓްސް" އުފެދޭ ގޮތް ދިރާސާކުރުމަށެވެ. ސައިންސްވެރިން އިތުރު ދިރާސާތަކެއް ކުރަން ޖެހުނީ ހައިރާންވާ މިންވަރަށް އެ ފެނުގައި ލޮނުގެ އަސަރު ހުރުމުންނެވެ. ސާމްޕަލްތައް ލެބޯޓްރީއަށް ގެންގޮސްގެން ކުރި ތަހުލީލުތަކުން ދައްކުވައިދެނީ މި ލޮނަކީ މި ޒަމާނުގެ ކަނޑަކުން އައިސްފައިވާ ލޮނެއް ނޫން ކަމެވެ.

އައިސްއޭޖް ދުވަސްވަރުގައި އޮއިވަރު ދައުރުވި ގޮތާއި، މޫސުން ދެނެގަންނަން ސައިންސްވެރިން މަސައްކަތްކުރަމުން ގެންދަނީ، މުސްތަގުބަލުގައި ދުނިޔޭގެ މޫސުމަށް އައިސްދާނެ ބަދަލުތަކެއް ދެނެގަތުމަށެވެ. ބްލޭޓްލަރ ބުނީ ރާއްޖެއިން ފެނުނު ލޮނުން އިޝާރާތްކުރަނީ، އޮއިވަރު ދައުރުކުރާ ގޮތް ކަނޑައެޅުމުގައި ދެކުނު ކަނޑުގެ ލޮނުގަނޑު މިހާރަށް ވުރެ ބޮޑު ދައުރެއް އަދާކުރި ކަމަށެވެ. މި ހޯދުމުގެ ސަބަބުން، މި ފަދަ މޫދު ލޮނު ހޯދުމަށް ބަލާނެ އެހެން ސަރަހައްދުތައް ދެނެގަންނަން ފަސޭހަވާނެއެވެ.

- ކޮމެންޓް