ވެކްސިން ދީގެން ރައްކާތެރިކުރެވިފައިވާ ބައެއް ބަލިތައް ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރެމުންދާ ކަމަށާއި، ވެކްސިންގެ ޑޯޒްތައް ގައުމީ ވެކްސިން ތާވަލްގައިވާ ގޮތަށް ފުރިހަމަ ކުރުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ވެކްސިން ދީގެން ރައްކާތެރިކުރެވިފައިވާ ބައެއް ބަލިތައް ފެތުރެނީ އެގައުމުތަކުގައި ވެކްސިން ލިބިގަންނަ ނިސްބަތް ދަށްވަމުންދާތީ ކަމަށެވެ.
އެޗްޕީއޭއިން ބުނީ 1980ގެ އަހަރުތަކުން ފެށިގެން ވެކްސިން ދީގެން ރައްކާތެރިކަން ލިބޭ ބަލިތަކުގެ ތެރެއިން ޕޯލިއޯ ކަރުފޮޅި އަދި އިދިފުށަށް ދަމާބަލިން މަރުވާ އަދި ބަލިވާ ކުއްޖަކު ރާއްޖެއިން ފެނިފައިނުވާ ކަމަށެވެ. އަދި މިބަލިތަކުން ދިވެހި މުޖުތަމައު ރައްކާތެރިކުރެވިފައިވާ މައިގަނޑު ސަބަބަކީ ޅަފަތުގައިދެވޭ ވެކްސިންދެވޭ ފުރިހަމަކުރެވޭ ނިސްބަތް ރާއްޖޭގައި މަތިވުން ކަމަށެވެ.
ރާއްޖެއަކީ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ވެކްސިންދެވޭ ނިސްބަތް އެންމެ ރަގަޅަށް ދަމަހައްޓަމުން ގެންދެވޭ ގައުމެއްކަމުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.
ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވުނު ގައުމެއްގެ ގޮތުގައި ކަނޑައަޅައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެކަމުގެ ސެޓްފިކެޓް 2017 ވަނަ އަހަރު ރާއްޖެއަށް ލިބިފައިވޭ. ބަޔާނުގައިވެއެވެ.
އެޗްޕީއޭއިން ބުނީ ގަވާއިދުން ވެކްސިން ދިނުމަކީ ތިމާއާއި މުޖުތަމައުގެ ރައްކާތެރިކަމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، ވަކި ފަރުދަކު ވެކްސިން ނުޖެހުމަށް ނިންމުމަކީ އެހެން މީހުން ބަލީގެ ނުރައްކާތެރި ކަމަށް ހުށަހަޅުވައިދޭ ކަމެއް ކަމަށެވެ.
ދިވެހިންނަކީ އެކިއެކި ބޭނުމުގައި ގިނައިން ރާއްޖޭއިން ބޭރަށް ދަތުރުފަތުރުކުރާ ބައެއްކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ޚާއްސަގޮތެއްގައި ވެކްސިން ނުލިބި ތިބޭ ފަރާތްތައް މިފަދަ ބަލިތައް އުޅޭ ގައުމުތަކަށް ދަތުރުކުރެވުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެޗްޕީއޭއިން ބުނީ ޚާއްސަކޮށް ސްކޫލު ބަންދާއި ދިމާކޮށް ނުވަތަ ޗުއްޓީއަށް ދިޔުމުގެ ކުރިން ދެވޭ ގައުމުތަކުގެ ހާލަތު ދެނެގަތުން މުހިންމު ކަމަށެވެ.
ވެކްސިންގެ ޑޯޒްތައް ގައުމީ ވެކްސިން ތާވަލްގައިވާ ގޮތަށް ފުރިހަމަކޮށް ތުއްތު ކުދިން ނުރައްކާތެރި ބަލިތަކުން ސަލާމަތްކުރެއްވުމަށް މައިންބަފައިންނާ ބެލެނިވެރިންނަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ވެކްސިންނާ ބެހޭ ގޮތުން އޮޅުން އަރާފަދަ ކަމެއް އޮތްނަމަ މިއެޖެންސީއާ މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.