Advertisement
ކ. މާލެ
|
27 މެއި 2019 | ހޯމަ 22:55
އެމްޑީޕީ ޕާލަމްނެޓަރީ ގުރޫޕްގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީ ޕާލަމްނެޓަރީ ގުރޫޕްގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެ އެމްވީ
19 ވަނަ ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ރައީސަކަށް ނަޝީދު، ނައިބަކަށް އީވާގެ ނަންފުޅު ހުށަހަޅަން ފާސްކޮށްފި
އެގޮތަށް ހުށަހަޅަން ފާސްކުރީ 64 މެމްބަރުންގެ އިއްތިފާގުން
ރައީސާއި ނައިބު ރައީސް ކަނޑައަޅަން ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ރޭ
މިއީ ރައީސަކު، މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ހުށަހަޅަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފިއެވެ.

މަންޗަންގޮޅިމެދު ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވި ރައީސް ނަޝީދުގެ ނަންފުޅު، މަޖިލީހުގެ ރައީސް ކަމަށް ހުށަހަޅަން ފާސްކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ފުރަތަމަ ބައްދަލުވުމުގައެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި އެމްޑީޕީގެ 64 މެމްބަރުނާއެކު ބޭއްވި އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ކަމަށް، ނަޝީދުގެ ނަންފުޅު ހުށަހެޅުއްވީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. ނަޝީދުގެ ނަންފުޅަށް ތާއިދު ކުރެއްވީ ވިލުފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފެވެ.

މަޖިލީހުގެ ރައީސް ކަމަށް ނަޝީދުގެ ނަންފުޅު އަސްލަމް ހުށަހެޅުއްވުމުން، އެމަނިކުފާނު އެންމެ ފުރަތަމަ ވަނީ ތަނާޒުލްވެވަޑައިގެންފައެވެ. ނަމަވެސް ނަޝީދުގެ ނަންފުޅަށް ތާއިދު ކުރައްވައި، އަފީފު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، "ގާތް ރައްޓެއްސަކަށް ފޯން ކޯލެއް" ކުރެއްވުމަށް ކަމަށް ވިދާޅުވެ، ރިޔާސަތުން ނަޝީދު ތެދުވެވަޑައިގެންނެވިއެވެ.

ފޯން ކޯލު ކުރެއްވުމަށް ވަގުތު ކޮޅެއް ހުސް ކުރެއްވުމަށްފަހު، އަސްލަމާއި އަފީފުގެ ހުށަހެޅުއްވުމަށް ނަޝީދު ވަނީ އެއްބަސްވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.

Advertisement

ނަޝީދުގެ ނަންފުޅަށް ވޯޓަށް އެއްސެވީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ. މަޖިލީހުގެ ރައީސް ކަމަށް ނަޝީދުގެ ނަންފުޅު ހުށަހަޅަން ފެނޭތޯ ބަލަން، ޕާލަމެންޓްރީ ގްރޫޕުގައި އަތްހިތްލައިގެން ނެގި ވޯޓުގައި 64 މެމްބަރުން އިއްތިފާގު ވެވަޑައިގެންނެވީ އެ ހުށަހަޅުމަށް ތާއިދު ކުރުމަށެވެ.

މަޖިލީހުގެ ނައިބު ރައީސަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، ހަމައެކަނި ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ނަންފުޅެވެ. އީވާގެ ނަންފުޅު ހުށައެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އެވެ. އީވާގެ ނަންފުޅަށް ތާއިދު ކުރެއްވީ ހުޅުދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި އިލްޔާސް ލަބީބެވެ. އީވާގެ ނަންފުޅު ވެސް ފާސްވީ 64 މެމްބަރުންގެ އިއްތިފާގުންނެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނީ އަންގާރަ ދުވަހުގެ ރޭ 10:30ގައި މަޖިލިސް ކުރާ ގޭގައެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން އާންމު އިންތިހާބަށްފަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ މަޖިލީހުގައި ސިއްރު ވޯޓެއް ނަގައިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
28 މެއި 2019 | އަންގާރަ 10:59
ސ
ފެމެލީ އެއްޗެއް