ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބu ރައީސް ކަމަށް އެމްޑީޕީން ވާދަކުރާނެ ފަރާތްތައް ހޮވުމަށް ބާއްވާ ޖަލްސާ 27 ވަނަ ދުވަހު ދަރުބާގޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްޑީޕީން ބުނީ މި ބައްދަލުވުން އޮތީ 27 ވާ ހޯމަ ދުވަހުގެ ރޭ 9:30 ގައި ދަރުބާރުގޭގެ ރަންނަ ބަޑޭރި މާލަމުގައެވެ.
މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މެމްބަރުން ކަނޑައަޅާނީ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން، މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބިފައި ނުވާތީ، އެ ޕާޓީގެ ތެރެއިން މަޖިލިހުގެ ރައީސް ނުވަތަ ނައިބު ރައީސަކު ކަނޑައަޅަން މެމްބަރުންގެ މެދުގައި ވޯޓަކަށް ގޮސްފައެއް ނުވެ އެވެ.
މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަސް މެމްބަރަކު ވަނީ އަމިއްލަފުޅަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ވިލުފުށީ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.
ފަސް މެމްބަރުންގެ ތެރެއިން ވާދަވެރިކަން އެންމެ ބޮޑީ އަސްލަމް އާއި އަފީފާ ދެމެދުގައެވެ.
މަޖިލިސްގެ ރައީސް ކަމަށް ވިލިފުށީ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންފައިވާ އަފީފަކީ އެކަމަށް، އެންމެ އެކަށީގެންވާ އެއް ބޭފުޅާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހު ގެންދަވަނީ އަފީފް މަޖިލިސްގެ ރައީސް ކަމަށް ގެންނަވަން މަސައްކަތް ކުރައްވަމުންނެވެ.
އަނެއްކޮޅުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަސްލަމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. ރައީސް ނަޝީދު ގެންދަވަނީ އަސްލަމް، މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި އަސްލަމް މަޖިލިސްގެ ރައީސް ކަމަށް ގެންނަން ބޭނުންވާ ވޯޓް ހަމަކުރެއްވުމުގެ މަސައްކަތް ވެސް ރައީސް ނަޝީދު ގެންދަވަނީ ކުރައްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާނީ، އަލަށް އިންތިޚާބުވެވަޑައިގަތް މެމްބަރުން މި މަހު 28 ގައި ހުވާ ކުރައްވައި ބާއްވާ ފުރަތަމަ ޖަލްސާގައެވެ. ގާނޫނުއަސާސީގައި އޮންނަނީ، މަޖިލީހުގެ ރައީސަކު ކަނޑައަޅާނީ ސިއްރު ވޯޓަކުން ކަމަށެވެ. އެ ނޫން ގޮތަކަށް ވޯޓު ނެގޭނީ މަޖިލީހުގެ ޖަލްސާއަކުން ފާސްކޮށްގެންނެވެ.
މަޖިލީހުގެ ރައީސް ހޮވުމުގެ ބަހުސް ފޯރިގަދަވެފައިވާ އިރު އަފީފް އާއި އަސްލަމަށް ތާއިދުކުރާ ފަރާތްތަކުގެ މެދުގައި ދަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރަމުންނެވެ.