Advertisement
ކ. މާލެ
|
26 މެއި 2019 | އާދީއްތަ 01:28
ޖަލުތަކަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ފޮތް ހަދިޔާ ކުރައްވަނީ
ޖަލުތަކަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ފޮތް ހަދިޔާ ކުރައްވަނީ
ސިމާހާ ނަސީމް
ފޮތް ހަދިޔާ ކުރުން
ދެ ހާހަށް ވުރެ ގިނަ ފޮތް ޕްރޮގްރާމްގެ ދަށުން ލިބުނު: ކަރެކްޝަންސް
ޕްރޮގްރާމް ނިމުނަސް ފޮތް ހަދިޔާ ކުރެވިދާނެ ކަމަށް ކަރެކްޝަންސް އިން ބުނޭ

ރާއްޖޭގެ ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން ދެ ހާހަށްވުރެ ގިނަ ފޮތް ލިބުނު ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި ހާއްސަ އިންޓަވިއުގައި މުނާޒް ވިދާޅުވީ މި ޕްރޮގްރާމަށް އާންމުންނާއި އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ޕްރޮގްރާމް ނިމުނުނަސް އަދިވެސް ކަރެކްޝަންސް އަށް ފޮތް ހަދިޔާ ކުރެވޭނެ ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މެއި 22 ވަނަ ދުވަހުން 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވެސް އަމީނިއްޔާ ސްކޫލަށް ވަޑައިގެން ހޮނިހިރު ދުވަހުގެ ރޭ ފޮތް ހަދިޔާ ކުރެއްވިއެވެ. އެކަމަނާ ވިދާޅުވީ މި ޕްރޮގްރާމް އަކީ މުހިންމު ކަމެއް ކަމަށާއި ފޮތް ކިޔުމަކީ ވަރަށް ރަނގަޅު އާދައެއް ކަމަށެވެ. އަދި މިއީ އެހާމެ މުހިންމު ކަމެއް ކަމަށް އެކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement

މިނިސްޓަރ ޔުމްނާގެ އިތުރުން އެކަމަނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވެސް ވަނީ ފޮތް ހަދިޔާ ކުރައްވާފައެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވެސް ވަނީ އެކަމަނާގެ ފަރާތްޕުޅުން ފޮތް ހަދިޔާ ކުރައްވާފައެވެ. މީގެ އިތުރުން ޖަލަށް ފޮތް ހަދިޔާ ކުރައްވާފައިވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާ އަށް އިންތިހާބުވެވަޑައިގެންނެވި އަބްދުﷲ ރިޔާޒުއެވެ.

ހޯމް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ މަޤްސަދަކީ ފޮތް ކިޔުމުގެ ޝައުގުވެރިކަން ޖަލުގައި އުފައްދައި، އާންމު މައުލޫމާތާއި ހުނަރާއި ގާބިލުކަން އިތުރުކޮށް ދޭ މައުލޫމާތު ހުންނަ ފޮތްތައް ކިޔުމުގެ ފުރުސަތު ހޯދައިދީގެން ކުށުގެ ވެށިން ގިނަ ރައްޔިތުންތަކެއް ދުރުހެލި ކުރުވުން ކަމަށެވެ. އަދި ފޮތް ކިޔުމަކީ ވިސްނުމާއި ފިކުރަށް ހެޔޮ ބަދަލު ގެނެސްދޭ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމް ހިންގާފައިވަނީ ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް ކަރެކްޝަނަށް ސަރވިސް ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް